ފަލަސްޠީނުގެ އާ ބޮޑުވަޒީރު މުޙައްމަދު އަލް ޝަތިއްޔާގެ ދަށުން އެކުލަވާލި އާ ސަރުކާރު އިއްޔެ ހުވާ ކުރައްވައިފިއެވެ.

ފަލަސްޠީނުގައި އާ ސަރުކާރެއް އެކުލަވާލާފައި މިވަނީ، ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރާމީ ޙަމްދުﷲ، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މަގާމު ދޫކޮށްލެއްވުމާ ގުޅިގެންނެވެ.

ބޮޑު ވަޒީރާއި އެކު 22 މެމްބަރުންގެ ވަޒީރުންގެ މަޖިލީސް، ވަޒީރު ކަމުގެ ހުވާ އިއްޔެ ކުރެއްވި އިރު ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްވަނީ ފަލަސްޠީނުގެ އާ ސަރުކާރު ގަބޫލުފުޅު ކުރައްވާފައެވެ.

އިއްޔެ އާ ސަރުކާރު ހުއްވާ ކުރިއިރު ހަމާސް ޖަމާއަތުން ވަނީ ޝަތިއްޔާގެ ބޮޑުވަޒީރު ކަމާ ޝަތިއްޔާގެ މޭސްތިރިކަމުގެ ދަށުން އެކުލަވާލި އާ ސަރުކާރު ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ.

ކުރީގެ ބޮޑު ވަޒީރު ރާމީ ޙަމްދުﷲ ބޮޑުވަޒީރުކަން ދޫކޮށްލެއްވީ، ފަތަހަ ޖަމާއަތާ، ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދު ސުލްހަ ގާއިމުކުރުން ފެއިލްވުމާ ގުޅިގެންނެވެ.

ފަލަސްޠީނުގައި އެކުލަވާލި އާ ސަރުކާރުގައި މުޅިންވެސް ހިމެނިވަޑައިގަންނަވަނީ ވަކީން ހާއްސަކޮށް ފަތަހަ ޖަމާއަތަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ.

ފަލަސްތީނަށް އާ ބޮޑު ވަޒީރަކު ލިބުނު އިރު މި ދިޔަ ހުކުރު ދުވަހު ބޭއްވި އިސްރާއީލުގެ އާންމު އިންތިހާބު މިހާރުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ކާމިޔާބު ކޮށްފައެވެ. ނަތަންޔާހޫ ވަނީ ފަލަސްތީނު މިހާރު ވެސް އަޅުވެތިކޮށްފައި އޮތް އޮތުން އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ވައުދު ވެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕީޖޭ

    އިސްރާއިލާއި ހަގުރާމަ ނުކޮށް މިމިހުން އެއްބަޔަކު އަނެއް ބަޔަކާއި ވެރިކަމާއި ބަގުޑި ބައްދަނީ ދެރަވެއްޖެކަމެއް..