ޖެޓް އެއާވޭސްގެ 1100 ވަރަކަށް ޕައިލެޓުން ހަޅުތާލު ކުރަން ނިންމައިފިއެވެ.

މާދަމާއިން ފެށިގެން ޖެޓްއެއާވޭސްގެ ޕައިލެޓުން ވަޒީފާއަށް ނުނިކުންނާނެ ކަމަށް އެންއޭޖީ އިން ވަނީ ބުނެފައެވެ. އެމީހުން ހަޅުތާލު ހަދަން ނުކުމެފައި ވަނީ މުސާރަނުދީގެން ކަމަށްވެސް ވަނީ ބުނެފައެވެ. ގިނަ އަދަދެއްގެ ޕައިލެޓުންގެ އިތުރަށް މެނޭޖްމެންޓް އަދި އިންޖިނީއަރުން ވެސް ވަނީ މި ހަޅުތާލުގައި ބައިވެރިވެފައެވެ. އެމީހުންނަށް ޖެނުއަރީ މަހުން ފެށިގެން މުސާރައެއް ދީފައެއް ނުވެއެވެ. އަދި އޭގެ އިތުރުން އެއެއާލައިންގައި މަސައްކަތް ކުރަމުން އަންނަ އެހެނިހެން މުވައްޒަފުންނަށް މާޗު މަހުންފެށިގެން މުސާރަދީފައެއް ނުވެއެވެ.

“މިއަދާހަމައަށް ވޭތުވެދިޔަ 3 މަސްދުވަހުވެ މުސާރަ އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ. އަދި ލިބޭނެ ދުވަހެއްވެސް ނޭނގެ. އެހެން ކަމުން އަޅުގަނޑުމެން ނިންމައިގެން މިތިބީ ހޯމަ ދުވަހުން ފަށައިގެން އަޅުގަނޑުމެންގެ އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނުނިކުންނަން“ އެންއޭޖީ އިން ބުންޏެވެ.

މުޅިއެކު 115 އެއާލައިން އޮޕެރޭޓްކުރާ ޖެޓްއެއާވޭސް އަކީ ދުނިޔޭގެ 52 މަންޒިލަށް ދަތުރުތަށް ކުރަމުން އަންނަ، އަދި އިންޑިއާގައި އޮޕެރޭޓް ކުރަމުން އަންނަ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. މިއެއާލައިނުގެ ދަތުރުތަށް ފަށާފައިވަނީ އޭޕްރީލް 1992 ގައެވެ.