ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެންމެ ދުވަސްވީ އެއް ޗާޗް ކަމަށްވާ ނޮޓްރީ ޑޭމް ޗާޗްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

12 ވަނަ ގަރުނުގައި އިމާރާތް ކުރި މި ޗާޗަކީ އަދިވެސް ބޭނުން ކުރަމުން އަންނަ، ޕެރިހުގެ ވަރަށް މުހިންމު ތާރީޚީ ބިނާއެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޗާޗްގައި ރޯވެފައިވާ އަލިފާންގަނޑު ވަރަށް ބޮޑަށް ވަނީ ފެތުރިފައެވެ. އަލިފާންގަނޑުގެ ދުން ވަރަށް ދުރަށް ވެސް ފެންނަ ކަމަށް ވެއެވެ.

ޕެރިހުގެ މޭޔަރު އޭން ހިޑަލްގޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެރިހުގެ ޗާޗްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލިފާން ނިއްވުމަށް އަލިފާން ނިއްވާ މީހުންނާއި ފުލުހުން ދަނީ މަަސައްކަތް ކުރަމުންނެވެ.

ފުލުހުން ވަނީ ޗާޗް ހުރި ސަރަހައްދަށް ނުދިއުމަށް އާއްމުންނަށް އިލްތިމާސް ކޮށްފައެވެ. އަދި އެސަރަހައްދަށް ދަތުރުކުރާ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތަކަށް ޖާގަ ދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އަލިފާން ރޯވެ އަނދަމުންދާ ޗާޗް ބަލާލުމަށް ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތް ކުރުއެވެ. އަލިފާން ރޯވެފައިވާ މިންވަރަށް ބަލާއިރު ޗާޗަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.