ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެންމެ ދުވަސްވީ އެއް ޗާޗް ކަމަށްވާ ނޮޓްރީ ޑޭމް ޗާޗްގައި ރޯވި އަލިފާނުގެ ސަބަބުން އެތަނަށް އިއާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ނޮޓްރީ ޑޭމް ޗާޗަކީ ފްރާންސްގެ ހިތުގެ ގޮތުގައި އެގައުމުގެ ރައްޔިތުން ސިފަ ކުރަމުން އަންނަ މުހިންމު ތާރީޚީ ބިނާ އެކެވެ.

ފްރާންސް ގަޑިން ހޯމަ ދުވަހު އިރުއޮއްސުނު ވަގުތު ރޯވި އަލިފާން އަދިވެސް މުޅިން ނިއްވައެއް ނުލެވެއެވެ. އަލިފާން ރޯވިތާ މިހާރު އަށެއްކަ ގަޑިއިރު ވެއްޖެއެވެ. އަލިފާން އެއްކޮށް ނިއްވައި ނުލެވުނު ނަމަވެސް މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ރޯވި ޗާޗްގެ އެތެރޭގެ ގިނަ ތަކެއްޗަކީ ލަކުޑިން ހަދާފައި ހުރި ތަކެތި ކަމުން އެތަކެއްޗަށް ވާނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އަލިފާން ނިއްވުމުގައި އަލިފާން ނިއްވާ 400 މީހުން ހަރަކާތްތެރިވިއެވެ. އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެކަކަށް އަނިޔާވި ކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ. އިތުރު މީހަކަށް މިހާދިސާގައި ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ޗާޗް މަރާމާތު ކުރުމަށް މިހާރު ބައެއް މީހުން ވަނީ އެހީތެރިވާނެ ކަން އިއުލާން ކޮށްފައެވެ. ފްރާންސްގެ ބިލިއަނަރެއް ކަމަށްވާ ފްރެކޮއިސް ޕިނާލްޓް ވަނީ ޗާޗް މަރާމާތު ކުރުމަށް 100 މިލިއަން ޔޫރޯ ހަދިޔާ ކުރާނެ ކަން އިއުލާން ކޮށްފައެވެ.

ފްރާންސްގެ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މިހާރު ހާއްސަ ތަޙްޤީޤެއް ފައްޓަވާފައެވެ.

ނޮޓްރީ ޑޭމް ޗާޗަކީ 850 އަހަރު ވެފައިވާ ތާރީޚީ ބިނާ އެކެވެ. އެތަން އިމާރާތް ކުރަން ފެށީ 1163 ވަނަ އަހަރު ޕޯޕް އެލެގްޒަންޑާ-3 އެވެ. ޗާޗްގެ މަސައްކަތް ނިންމާ ޗާޗް ހުޅުވާފައި ވަނީ 13 ވަނަ ގަރުނުގައެވެ.

މިއީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުރި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް އެއް ބިނާ އެވެ. މިދިޔަ އަހަރު ވެސް މިތަނަށް 13 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބިއާއި

    ހިތް އެދީމަ ކޮންމެ މީހަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވާނެ

    17
    2
  2. ދޮންމަންޖެ

    ޢަނެއްކާ އަންނި ތިތަނަށްބާ މިދިޔައީ، ދެންފެންނާނީ ދިވެހި ސަރުކާރުންވެސ ހަމްދަރުދީގެ މެސެޖުތައް ފޮނުވާފައި ބައި ދަނޑިއަށް ދިދަ ތިރިކުރާތަން.

    15
    7
  3. އެމަންޖެ

    ސަޅި ކަމެއް

    12
    7
  4. ޖިންނި

    އަލްޙަމްދުލިﷲ !

    17
    3
  5. ޕެރިސް ލަވާ

    ޢަޅެ ނޯ...?????

    1
    9