ދިގު 30 އަހަރުގެ ވެރިކަމެއް ދަމަހައްޓަވަމުން ގެންދެވި ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު އަސްކަރީ ބަގާވާތަކުން ވައްޓާލުމަަށް ފަހު މިހާރު ވެރިކަން ކުރާ ސޫދާންގެ އަސްކަރީ ކައުންސިލުން އެގައުމުގެ ކުރީގެ ސަރުކާރުގެ އިސްވެރިން ހައްޔަރު ކުރަން ފަށައިފިއެވެ.

ސޫދާންގެ ވެރިކަމުގެ ބާރުތަކުގެ ކޮންޓްރޯލް ނަގާފައިވާ އަސްކަރީ ކައުންސިލްގެ އެންމެ އިސްވެރިޔަކަށް ހުރީ އުމަރު ޒެއިން އަލް-އާބިދީން އެވެ.

ސޫދާންގެ ކުރީގެ ސަރުކާރުގެ އިސްވެރިން ހައްޔަރު ކުރަން ފެށީ ރައީސް އުމަރު އަލް ބަޝީރު އަސްކަރީ ބަގާބާތަކުން ވައްޓާލުމުގެ އިސްލީޑަރަކަށް ހުންނެއްވި ސޫދާންގެ އަސްކަރީޔާގެ ވެރިޔާ މަގާމުން އިސްތިއުފާ ދީފައި ވަނިކޮށެވެ.

ސޫދާންގެ އަސްކަރީ ކައުންސިލުން ބުނީ އެގައުމުގެ އިދިކޮޅު ފަރާތްތަށް ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވާނެ ކަމަށާއި އިދިކޮޅުން ބޭނުންވާ ބޮޑު ވަޒީރެއް މަގާމަށް ގެންނާނެ ކަމަށެވެ. ސޫދާންގެ އަސްކަރިޔާގެ ވެރިޔާ އައްވާދު އިބުނު އައުފް މަގާމުން އިސްތިއުފާ ދިނީ ސޫދާންގެ އިދިކޮޅު ފަރާތްތަކުން އަސްކަރީ ވެރިކަމެއް ބޭނުން ނޫންކަމަށް އިއުލާންކޮށް، މަދަނީ ސަރުކާރެއް ހިންގަން ފުރުސަތު ދިނުމަށް ސިފައިންނަށް ގޮވާލާ މުޒާހަރާތަށް އަނެއްކާވެސް ފެށުމުންނެވެ.

އަސްކަރީ ބަޤާވާތަކުން ސޫދާންގެ ރައީސް މަގާމުން ދުރުކުރި ނަމަވެސް ސޫދާންގެ ރައްޔިތުން މަގުތަށް ދޫކޮށް ގެއަށް ގޮސްފައެއް ނުވެއެވެ. އަސްކަރިއްޔާ އިން ބުނެފައި ވަނީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި މަދަނީ ސަރުކާރެއް އެކުލަވާލުމަށް ފަހު އަސްކަރިއްޔާ އިން ވެރިކަމުގެ ބާރުތައް ދޫކޮއްލާނެ ކަމަށެވެ.

ސޫދާންގައި ސަރުކާރާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ފެށި މުޒާހަރާތަކުގައި މިހާތަނަށް 49 މީހުން ވަނީ މަރުވެފައެވެ.

ބޭރު ފައިސާގެ ބޮޑެތި މައްސަލަތަކުގެ އިތުރުން، ގައުމުގެ އިންފްލޭޝަން ރޭޓް 70 ޕަސެންޓަށް އުފުލިފައިވާ އިރު، އެ ގައުމަށް ކާބޯތަކެތި ނުލިބުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ.

43 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސޫދާންގެ ވެރިކަމަށް އުމަރު 1989 ވަނަ އަހަރު ވަޑައިގެންނެވީ ބަޣާވާތަކުންނެވެ. ނިރުބުވެރިންނަށް އެހީތެރިވާކަމުގެ ތުހުމަތާއި އެކު ސޫދާނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންކަމުން ގައުމުގެ އިޤުތިޞާދު ކުރިއަރާ ނިސްބަތް ވަރަށް ދަށެވެ.