ފާއިތުވި މާރިޗު މަހު ދެކުނު އިރުމަތީ އެފްރިކާގެ މޮޒަމްބީކް، ޒިމްބާބްވޭ އަދި މަލާވީއަށް އެރި ޠޫފާން 'އިދާއީ ގެ ސަބަބުން ލިބުނު ގެއްލުން ތިން ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމުގައި ވާލްޑް ބޭންކުން ބުނެފިއެވެ.

ވާލްޑް ބޭންކުން ނެރުނު ބަޔާންގައި ފާހަގަކޮށްފައި ގޮތުން އުމުރާނީ ގޮތުން ލިބުނު ގެއްލުން މަރާމާތުކުރުމަށް 2 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމުގައި ވެއެވެ.

ގަޑިއަކު 177 ކިލޯ މީޑަރު ބާރުމިނުގައި ވައިޖެހުނު މި ތޫފާނުގެ ބާރުގަދަ ކަމުން އާންމު ބައެއް ރައްޔިތުން ވަނީ ފަރުބަދަމަތީ ސަރަހައްދުތަކުން ހިމާޔަތް ހޯދާފައެވެ.

ޠޫފާން 'އިދާއީ' އެންމެ ފުރަތަމަ އެރި އަދި އެންމެ ބޮޑަށް ގެއްލުންވި ގައުމު ކަމުގައިވާ މޮޒަންބީކުގެ އިމާރާތްތަކާއި މުދަލާއި ތަކެއްޗަށް ލިބުނު ގެއްލުން 800 މިލިއަން ޑޮލަރަށްވުރެ ބޮޑެވެ.

ތޫފާނުގައި މޮޒަމްބީކުން 700 މީހުން މަރުވެ 1.5 މިލިއަން މީހުންނަށް އަސަރު ފޯރާފައި ވެއެވެ. ޒިންބާބްވޭގައި ޠޫފާނުގެ ސަބަބުން 344 މީހުން މަރުވިއެވެ.

ތޫފާނުގެ ސަބަބުން ދެ ގައުމުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑި ބްރިޖް ތަކާއި މުދަލަށާއި ގެދޮރަަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. ރިޕޯޓިތަށް ބުނާގޮތުގައި ތޫފާނުގެ ސަބަބުން މޮޒަންބީކްގެ 500000 ގެއިން ވަނީ ކަރަންޓް ކެޑިފައެވެ.