މެޑަމް ހަސްބެންޑް ކަމުގައި އޮވެގެން ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނުހިންގޭނެ ކަަމަށް ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސްގެ ނައިބު ރައީސް ކަންވެސް ކުރައްވާ މޫސަ ވިދާޅުވީ ރާއްޖޭގައި ރަނގަޅަށް މަސައްކަތް ކުރާ އިދިކޮޅު ޕާޓީއެއް ނެތިގެން އުޅެނީ ޕާޓީތަކުގެ ތެރޭގައި އާއިލީ ނުފޫޒު އޮތުމުގެ ސަބަބުން ކަމަށާއި އެކަން ކުރެވޭނީ އާއިލީ މުސީބާތުން މިންޖުވެގެން ކަމަށެވެ.

" މިހާތަނަށް އިދިކޮޅު ޕާޓިއެއް އުފެދިފައި ހުރީ ދެބައިން، ދެމަފިރިން، ދެ ޅިޔަނުން، ހިތާވެގެން އުޅޭ ދެމީހުން. އެކަކަށް މެޑަމްކަން އަނެކަކަށް ހަސްބެންޑްކަން. މިކަހަލަ ގޮތަކަށް އުފެދިގެން މިއުޅެނީ. އަޅުގަނޑުމެން މި ތިއްބެވީ ހަކުރާ ގަނޑުވަރުގައި , މިއަދު ފެނިވަޑައިގަންނަވަނީ ތިން ބާރު އެކުވެގެން ދާ މަންޒަރު ރާއްޖޭގައި ދެން ފެށިގެން ދާނީ ރަސްކަމެއް، އިދިކޮޅު ޕާޓީއެއް މި ރާއްޖޭގައި ބޭއްވޭނެ އެއްވެސް ގޮތެއް ނެތް " މޫސަ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުވިގޮތަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ އިދިކޮޅު ޕާޓީއެއް ބާއްވަން ބޭނުމިއްޔާ، އިދިކޮޅު ޕާޓީ އުފައްދަން ބޭނުންވާ މީހުން އާއިލީ މުސީބާތާއި ބަލާވެރިކަމުން މިންޖުކޮށްގެން މި ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ހިންގަން ޖެހޭ ކަމަށެވެ.

" އެކަކަށް ރައީސްކަން އަނެކަަކަށް މިނިސްޓަރުކަން. އެކަކަށް މަޖިލީހުގެ ރައީސްކަން އަނެކަކަށް ރައީސުލްޖުމްހޫރިއްޔާ ކަން. އިދިކޮޅު ޕާޓީއެއް ބާއްވަން ބޭނުމިއްޔާ، އިދިކޮޅު ޕާޓީ އުފައްދަން ބޭނުންވާ މީހުން އާއިލީ މުސީބާތާއި ބަލާވެރިކަމުން މިންޖުކޮށްގެން މި ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ހިންގަން އެބަޖެހޭ" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރާއްޖޭގައި ވަރަށް ވަރުގަދަ ވިރާސީ ރަސްކަމެއް ހިނގަމުންދިޔަ ދުވަސް ވަރެއްގައި، ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އެމްޑީޕީން ނުކުމެ އެ ވެރިކަން ބަދަލުކޮށްފައިވާ ކަމަށެވެ.

"އެމްޑީޕީއަކީ މައުމޫންގެ ފަހު ދައުރުގައި ރާއްޖޭގައި އޮތް ހަމަ އެކަނި ޕާޓީ އަދި އިދިކޮޅު ޕާޓީ,މި މަޖިލީހުގެ ތެރޭގައި ހަތަރު މީހުން ތިބެގެން އެކަން ކޮށްގެން އޮންނާނީ 2008 ގައި ރައީސް މައުމޫންގެ ވެރިކަން ބަދަލުކޮށް ގާނޫނު އަސާސީގައި މިހާރު އެބުނާ ކަންތައްތައް ގެނެސްފައި" މޫސަ ވިދާޅުވިއެވެ.