ފަތުރުވެރިންގެ މެދުގައި މަގުބޫލް ޕޯޗްގަލްގެ ރަށެއް ކަމަށްވާ މެޑީރާގައި ބަހެއް ފުރޮޅާލައިގެން ހިނގި އެކްސިޑެންޓެއްގައި މަދުވެގެން 29 މީހުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެޑީރާގެ އަވަށެއް ކަމަށްވާ ކެނިކޯ ކައިރީގައި ހިނގި މިއެކްސިޑެންޓްގައި ބަސް ފުރޮޅާލިއިރު ބަހުގައި 55 މީހުން ތިއްބެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މިއެކްސިޑެންޓްގައި މަރުވެފައި ވަނީ 12 ފިރިހެނުންނާއި 17 އަންހެނުންނެވެ. މަރުވި ގިނަ މީހުން ނިސްބަތްވަނީ ޖަރުމަންވިލާތަށެވެ. އެކްސިޑެންޓްގައި 22 މީހަކު ޒަހަމްވެފައި ކަމަށް ޕޯޗްގަލްގެ ދައުލަތުގެ ނޫސް އެޖެންސީ "ލޫސާ" އިން ބުނެއެވެ.

ބަހުގެ ޑްރައިވަރާއި ގައިޑް ވަނީ އެކްސިޑެންޓްގައި މަރުން ސަލާމަތްވެފައެވެ. ނަމަވެސް އެމީހުންނަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ލިބިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ މަގެއްގެ ކަންމައްޗަކުން ބަސް އަނބުރާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެންނެވެ. ބަސް ފުރޮޅާލައިގެން ގޮސް އެސަރަހައްދުގެ ގެއެއްގެ ފުރާޅު މަތިން ވެސް ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކްސިޑެންޓް ހިނގީ ފަރުބަދައެއްގެ އަރިމަތިން ހަދާފައި އޮތް މަގަކުން ދަތުރު ކުރަމުން ދަނިކޮށެވެ. އެހެންކަމުން އެސަރަހައްދުގެ ގެތައް ހުންނަނީ މަގަށް ވުރެ ތިރީގައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބަސް ކޮންޓްރޯލް ނުކުރެވުނީ އެކްސިޑެންޓް ހިނގި ވަގުތު އެސަރަހައްދުގައި ވައި ވެސް ގަދަވުމުގެ ސަބަބުންނެވެ.

ބަހުގައި ތިބި ގިނަ މީހުންނަކީ ފަތުރުވެރިންނެވެ. އެކްސިޑެންޓް ހިނގީ އެމީހުން ތިބި ހޮޓަލުން މެންދުރުގެ ކެއުމަށް ރެސްޓޯރެންޓަކަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް ވެއެވެ.