ތައިލެންޑްގެ ހޮހޮޅައެއްގެ ތެރޭގައި މިދިޔަ އަހަރު ތާށިވި 12 ކުދިން ސަލާމަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑައިވަރެއް ކަމަށްވާ ޖޯޝް ބްރަޗްލީ އިނގިރޭސިވިލާތުގެ ހޮހޮޅައެއްގެ ތެރެއަށް ގެއްލި، އެތައް އިރެއް ވަންދެން މަރާއި ހަނގުރާމަކޮށްފިއެވެ.

ނަމަވެސް މިހާރު އޭނާ ވަނީ ސަލާމަތުން ހޮހޮޅައިން ނިކުމެފައެވެ.

މިލް ޕައުންޑް ކޭވްއަށް ވަން ފަހުން ޖޯޝްގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ އަންގާރަ ދުވަހު އެވެ. އޭނާ ފެނުނީ ހޯދަން ފެށިތާ 24 ގަޑިއިރު ވާން ކައިރިވެފައި ވަނިކޮށެވެ.

ޖޯޝް ނުފެނި ގިނަ އިރުތަކެއްވި ނަމަ އޭނާގެ ފުރާނަ ސަލާމަތްވުމަކީ ނާދިރުކަމެކެވެ. އެއީ އެހޮހޮޅައިގެ ތެރޭގައި ގިނަ އިރުތަކެއް ވަންދެން ނޭވާ ލެވޭނެ އޮކްސިޖަން ލިބޭނެ ގޮތެއް ނެތުމުންނެވެ.

ކޭވް ރެސްކިއު ކައުންސިލްގެ ޑައިވަރުން ބުނީ ޖޯޝް ފެނުނު އިރު އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ.

"އޭނާ ހުރީ ވަރަށް ވަރުގަދަކޮށް، އަވަހަށް ސިއްހީ އެހީތެރިން ކައިރިއަށް ގެންދަން އުޅުމުން އޭނާ އެކަމަށް ދެކޮޅު ހެދި. އޭނާ އެދުނީ އަވަހަށް ޕިއްޒާއެއް ގެނެސްދިނުމަށް." މީޑިއާ އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ޖޯޝް ހޮހޮޅައިގެ ތެރެއަށް ޑައިވް ކުރީ އިތުރު ބަޔަކާއި ވެސް އެކުގައެވެ. ނަމަވެސް ވަކި ހިސާބަކުން ޖޯޝް އާއި އެކު ފީނި ގްރޫޕްގެ މެންބަރުންނަށް ޖޯޝް ގެއްލުނެވެ. އޭނާ ހޯދަން އެމީހުން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް އެކަން ރިޕޯޓް ކުރިއެވެ.

ޖޯޝް ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހުރި އެތައް ސަތޭކަ ހޮހޮޅައަކަށް މީގެ ކުރިން ފީނާފައެވެ. އޭނާ އަކީ ފަރުބަދަތަކުގައި ހުންނަ ހޮހޮޅަތަކަށް ފީނުމުގައި ވަރަށް ފާހަގަ ކޮށްލެވޭ ޑައިވަރެކެވެ.