ގިނަ އަދަދެއްގެ ދިވެހިން ދިިރިއުޅޭ ލަންކާގެ ދެހިވަލައިގައި ބޮމެއް ގޮއްވާލައިފިއެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޮން ގޮއްވާލާފައި ވަނީ ދެހިވަލައި ޒުލުގެ ކައިރީގައި ހުންނަ ހޮޓަލެއްގައެވެ. މިއީ މިއަދު ގޮއްވާލި ހަތަރުވަނަ ހޮޓަލެވެ. އަދި ލަންކާގައި މިއަދު ދިން ހަތްވަނަ ބޮމުގެ ހަމަލާއެވެ.

ދެހިވަލައިއަށް ދިން ހަމަލާގައި އަނިޔާވި މީހުން ކޮޅުނބުގެ ހޮސްޕިޓަލަށް ދަނީ ގެންދަމުންނެވެ. މިހާތަނަށް އެ ހޮސްޕިޓަލަށް 17 މީހަކު ވަނީ ގެންދެވިފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، ދެހިވަލައިއަށް ދިން ހަމަލާގައިވެސް ދެ މީހުން ވަނީ މަރުވެފައެވެ. އެހެން ނަމަވެސް އެއްވެސް ރަސްމީ ފަރާތަކުން އެފަދަ ވާހަކައެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގައި ދެހިވަލައިގައި ބޮން ގޮވާފައި ވަނީ އެސް ޑި އެސް ޖަޔަސިންހްގެ ގްރައުންޑް ކައިރީގައި ހުންނަ ނިއު ޓްރޮޕިކަލް އިން ކިޔާ ގެެސްޓް ހައުސްއެއްގެ ލޮޖް ތެރޭގައެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ދެހިވަލައިގައި ބޮން ގޮއްވާލި ކަމަށް ޝައްކު ކުރެވޭ މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

މިއަދު ލަންކާގެ އެކި ސަރަހައްދުުތަކަށް ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ދެމުންދާ އިރު، އަދި އެއްވެސް ދިވެއްސަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު