އިޒްރޭލުގެ ސިފައިންގެ މީހެއްގެ މޫނުމަތީގައި ޖެހި ފަލަސްތީނުގެ 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އަހެދް ތަމީމީ ނަމަކަށްކިޔާ އަންހެން ކުއްޖާ އިޒްރޭލުގެ ސިފައިންގެ މީހެއްގެ ގައިގައި ޖަހާ މަންޒަރު ދައްކުވައިދޭ ވިޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވެފައިވާއިރު އިޒްރޭލުގެ ކޯޓަކުން ވަނީ އަހެދް ތަމީމީ 8 މަހަށް ޖަލަށްލުމަށް ހުކުމްކޮށް 1،440 ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށްވެސް އަމުރުކޮށްފައެވެ.

އަހެދް ތަމީމީގެ ވިޑިއޯ ފެނުނު ބައެއް ފަރާތްތަކުން ވަނީ ތަމީމީ އުޅުނީ އެ ސިފައިންގެ މީހާގެ ކިބައިން އަނިޔާއެއް ގަސްތުގައި ހޯދުމުގެ ބޭނުމުގައިކަމަށާއި އަދި އެހެންވުމުން ހަރުކަށި އަދަބެއް ދޭން ޖެހޭނޭކަމަށްވެސް ބުނެފައެވެ. އެހެންނަމަވެސް އެ ހާދިސާ ހިނގިއިރު އުމުރުން 16 އަހަރުގެ އަހެދް ތަމީމީ އެ އަމަލުކުރީ ބައެއްގެ ބިމަށް ގަދަކަމުން ވެރިވެގަނެފައިވާ ހަތިޔާރު ހިފައިގެންތިބި ބަޔަކާއި ދެކޮޅަށް އަމަލުކުރަން ޖެހޭނޭގޮތަށްކަމަށް ވެސް އެތައް ބަޔަކު ވަނީ ބުނެފައެވެ.

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ދުވަހަކުވެސް ފަލަސްތީނުގެ ދައުލަތެއް އުފެދުނަ ނުދޭނޭކަމަށް ބުނަމުންދާއިރު އެ ފަރާތްތަކުން ވަނީ އަހެދް ތަމީމީގެ އަމަލުތަކަކީ ޓެރަރިޒަމްގެ އަމަލެއްކަމުގައި ސިފަކޮށް އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެނުގަންނަކަމަށާއި އަދި އެއްވެސް އިރެއްގައި އެއީ ފަލަސްތީނުގެ ބިންތަކެއް ނޫންކަމަށް ބުނަމުންނެވެ.

އަހެދް ތަމީމީ ވަނީ ފަލަސްތީނުގެ ހާލުގައި ޖެހިފައި ތިބި އެތައް ހާސް ރައްޔިތުންނަށް ލިބިގެންދާ އުންމީދުގެ އަލިގަދަ ނިޝާނަކަށެވެ. އެހެންނަމަވެސް މިހާރު އުމުރުން 17 އަހަރުގެ އަހެދް ތަމީމީ އަކީ އިޒްރޭލުން ދެކޭގޮތުގައި ދުނިޔޭގެ ސަމާލުކަން ހޯދުމަށާއި މައްސަލަ އުފައްދަން މަސައްކަތްކުރާ ކުއްޖެކެވެ.