އިއްޔެ ސްރީލަންކާގައި ދިން ވަރުގަދަ ނިރުބުވެރި ހަމަލާތަކުން ދޭހަކޮށްދެނީ ލަންކާ މިހާރު މިވަނީ އާވައްތަރެއްގެ ނިރުބުވެރިކަމަކާއި ކުރިމަތިލާން ޖެހިފައި ކަން ކަމުގައި ހައުސިން މިނިސްޓަރ ސަޖިތު ޕްރަމަދޭސާ ވިދާޅުވެއްޖެއެވެ.

އަށް ސަރަހައްދެއްގައި ބޮންތަކެއް ގޮއްވާލައިގެން ދިން ވަރުގަދަ ހަމަލާތަކަށް ފަހު މިއަދު ނޫސްވެރިންނާއި ވާހަކަދައްކަމުން ޕްރަމަދޭސާ ވިދާޅުވީ މިއީ "އާބްރޭންޑެއް އަދި އާ ވައްތަރެއްގެ ނިރުބުވެރިކަމެއް." ކަމަށެވެ.

"2009 ވަނަ އަހަރު ދާހިލީ ހަނގުރާމަ ނިމުނު ފަހުން އަޅުގަނޑުމެން މިފަދަ ހަމަލާއެއް ތަޖުރިބާއެއް ނުކުރަން. މިހަމަލާ އާއި ގުޅިގެން އަޅުގަނޑުމެން މިތިބީ ވަރަށް ކަންބޮޑުވެފައި. ވަރަށް ބޮޑު ޝޮކެއް ލިބިފައި މިވަނީ." ޕްރަމަދޭސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހަމަލާތަކުގެ ފަހަތުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް އެބަޔަކު ހައްޔަރުކޮށް ޤާނޫނުގެ ބާރު އެމީހުންގެ މައްޗަށް ހިންގާނެ ކަމަށެވެ.

ލަންކާގައި އިއްޔެ ދިން ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮންބައެއް ކަން އަދި ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ ދީނީ ހަރުކަށި ޚިޔާލުތަކެއް ގެންގުޅޭ ޖަމާޢަތަކުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އިއްޔެ ލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ލަންކާ ފުލުހުން މިއަދު ހެނދުނު ވަނީ ވިދާޅުވެފައެވެ.

އިއްޔެ ފުލުހުން ބުނީ ހަމަލާ ދިން ސަރަހައްދުތަކުގެ ތެރެއިން ތިން ސަރަހައްދެއްގައި ހަމަލާ ދީފައި ވަނީ ޖާނުންފިދާވެގެން ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މިހަމަލާ ދިނުމުގައި ގައުމުން ބޭރުގެ ބަޔަކު ބައިވެރިވާކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށް ވެސް ލަންކާ ފުލުހުން އިއްޔެ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާނު

    ދީނީ ކޮން ބައެއްތަ އެވަރުގެ ހަމަލައެއް ދޭނީ؟ ދީނީ މީހުންނަކީ ހަމަލަ ދޭ ބައެއްތަ؟ ދީންތަކަކީ ސުލްހައަށް ގޮވާލާ ބައެއް ނޫންތަ؟ އަމުދުން އިސްލާމް ދީނަކީ ސުލްހައިގެ ދީން.

    3
    1
    • ފިދާ

      ކަލޭ ތީން ގަބޫލު ނުކުރާ މީހާވެސް ކުރަ ކޮމެންޓް ތިހުންނަނީ. ދެން ދީނީ ގަބޫލު ކުރަ މީހަކު އެކަހަލަ ކަމެއް ކުރުމުން އެކަމާ ކަލޭ މާ ހާސްނުވެބަލަ.

  2. Anonymous

    ތިހުންނަނީ ދީނީވީމަ ކުރާކަންކަމެއްނޫން. ހަމަޖެހުމާ އަމާން ކަމުގައި އިންސާނުން އުޅެން ބޭނުންނުވާ ޝައިޠާނީ ވަސްވާހަށް ތަބާވާ މީހުންގެ އުނދަގޫތިއީ.