އަވައްޓެރި ސްރީލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ ފެނުނު އައިއީޑީ ތައްޔާރު ކޮށްފައި އޮތީ އެސްލޯނު ހޮޅިއަކަށް ގޮވާތަކެތި އަޅައިގެން ކަމަށް ލަންކާގެ ވައިގެ ސިފައިންގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

އެއާޕޯޓް ކައިރީ ސަރަހައްދުތަކުގެ ސަލާމަތީ ކަންތައްތައް މިހާރު ބަލަހައްޓަމުން ގެންދަނީ ލަންކާގެ ވައިގެ ސިފައިންނެވެ. ރޭ އައިއީޑީ ފެނުމާއި އެކު ރައްކާތެރި ސަރަހައްދަކަށް އައިއީޑީ ގެންގޮސް އެ ނައްތާލުމުގެ މަސައްކަތް ކުރީ ވެސް ވައިގެ ސިފައިންނެވެ.

ވައިގެ ސިފައިންގެ ތަރުޖަމާން މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ގޮވާތަކެތި އަޅާފައިވާ ޕާރުސަލެއް އެސްލޯނު ހޮޅިއެއްގެ ތެރެއަށް ލާފައި އޮއްވާ ފެނުނީ ރޭ ލަންކާ ގަޑިން 22:15 ހާއިރު ކަމަށެވެ.

"އެ ބޮމުގައި 5.5 ފޫޓާއި 6 ފޫޓާއި ދެމެދުގެ މިނެއް ހުންނާނެ. ހޮޅީގެ އެތެރޭގައި ހުރީ ގޮވާތަކެތި." ތަރުޖަމާން ވިދާޅުވިއެވެ.

އިއްޔެ ލަންކާގައި ދިން ވަރުގަދަ ހަމަލާތަކަށް ފަހު އެންމެ ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ އެއާޕޯޓް ހިމެނޭ ސަރަހައްދުގައެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނިކޮށް އެސަރަހައްދުގައި އައިއީޑީ ބޭއްވީ ކިހިނެއްތޯ ބަލަން މިހާރު ވަނީ ތަޙްޤީޤު ފަށާފައެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290 އަށް ވުރެ މައްޗަށް ގޮސްފައެވެ. ހަމަލާގައި ޒަހަމްވި 400 އަށް ވުރެ ގިނަ މީހުންނަށް އަދިވެސް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. ޒަހަމްވެފައިވާ ބައެއް މީހުންގެ ހާލު ވަރަށް ދެރަކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން ހަމަލާގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު