ސްރީލަންކާގައި އިއްޔެ ދިން ވަރުގަދަ ނިރުބުވެރި ހަމަލާތަކުގެ ތެރެއިން ހަމަލާއެއްގައި ޑެންމާކްގެ ބިލިއަނަރު އެންޑާސް ހޮޗް ޕޮލްސެންގެ ތިން ދަރިން މަރުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެންޑާސް އަކީ މަޝްހޫރު އަންނައުނު ވިޔަފާރި "ބެސްޓްސެލާ" ގެ ވެރިޔާ އެވެ. އަދި އޭސޮސްގެ އެންމެ ބޮޑު ހިއްސާދާރަކީ ވެސް އެއީ އެވެ. އޭނާ އަކީ ޑެންމާކްގެ އެންމެ މުއްސަނދި މީހާ އެވެ.

އެންޑާސްގެ ހަތަރު ދަރިންގެ ތެރެއިން ތިން ދަރިން ވަނީ އިއްޔެ ލަންކާގައި މަރުވެފައެވެ.

އެންޑާސްގެ ތަރުޖަމާން ވަނީ ލަންކާގައި ދިން ހަމަލާގައި އެންޑާސްގެ ތިން ދަރިން މަރުވި ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ދީފައެއް ނުވެއެވެ.

އެންޑާސްގެ ދަރިން ލަންކާ އަށް ގޮސް އުޅުނީ ޗުއްޓީ އަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަންކާގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290 އަށް އަރާފައެވެ. ހަމަލާތަކުގައި ޒަހަމްވި 400 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވެސް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން އަދިވެސް މަރުވާ މީހުންގެ އަދަދު އިތުރު ވުމުގެ ފުރުސަތު ބޮޑެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި އިއްޔެ ދިން ހަމަލާތަކުގެ ތެރެއިން ހަތް ސަރަހައްދެއްގައި ހަމަލާ ދީފައި ވަނީ ޖާނުންފިދާވެގެން ކަމަށް ފުލުހުން ބުނެއެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިހާރު ވެސް ހަމަލާ ދިނުމުގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ 24 މީހަކު ހައްޔަރު ކޮށްފިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމް

    އެކުދިން 2018 ވަނައަހަރު ނޮވެމްބަރުގައި ރާއްޖޭގައި ޗުއްޓީހޭދަކުރި

    4
    2