އިއްޔެ ޔޫކްރޭނުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޕެޓްރޯ ޕޮރޮޝެންކޯއާ ވާދަކުރައްވައި ޓީވީ ކޮމީޑިއަނެއް ކަމަށްވާ ވޮލޮޑިމީރް ޒެލެންސްކީ އެ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޒެލެންސްކީ ވަނީ ވޯޓުގެ 73 ޕަސެންޓް ހޯއްދަވާ ކާމިޔާބު ކުރައްވައިފައެވެ. ޕޮރޮޝެންކޯއަށް ލިބިވަޑައިގެންނެވީ 25 ޕަސެންޓެވެ.

އަދި އޭނާ ވަނީ ވޯޓުގެ ނަތީޖާ މުޅިން ސާފުކޮށް ނުނިމެނީސް އާދިއްތަ ދުވަހުގެ ރޭ ބަލި ގަބޫލު ކުރައްވައިފައެވެ.

"މި އަންނަ މަހު އަޅުގަނޑު ވެރިކަމުން ދުރުވާނަން. މިއީ ޔޫކްރޭނުގެ ގިނަ ރައްޔިތުން ބޭނުންވި ގޮތް. ރައްޔިތުންގެ ނިންމުން އަޅުގަނޑު ގަބޫލުކުރަން. ވެރިކަން ދޫކޮށްލަން ޖެހުނު ނަމަވެސް ސިޔާސީ ކަންކަމާ އަޅުގަނޑު ދުރެއް ނުވާނަން. ޔޫކްރޭނަށް ޓަކައި އަޅުގަނޑު މަސައްކަތް ކުރާނަން،" ޕޮރޮޝެންކޯ ވިދާޅުވިއެވެ.

އަލަށް އިންތިހާބުވެ ވަޑައިގެންނެވި ރައީސަށް އެހީވާން ޕޮރޮޝެންކޯގެ ޓީމު އޮތީ ތައްޔާރަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓީވީ ޑްރާމާތަކުގައި ޒެލެންސްކީ ވަނީ ކޮރަޕްޝަނާ ދެކޮޅު މީހެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ޒެލެންސްކީ އަކީ ޔުކްރޭނުގެ ގިނަ ޒުވާނުންގެ ތާއިދު އޮންނަ މަޝްހޫރު ކޮމެޑިއަން އެކެވެ.

އެހެންކަމުން ވޮލޮޑިމީރް ޒެލެންސްކީ ވަނީ ރައްޔިތުން މާޔޫސް ނުކޮށްލާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ކަލޭމެންނަށްވާ ކޮމީޑިއަނެއްވެސް ހޮވިއްޖެ! އަހަރެމެންނަށް ނުވި ތިވަރުވެސް! 4 މަސް ފާއިތުވީއިރުވެސް ހަރާން ކޮށްދިން ކަމެއް! އެކަމަކު ތާކު ޕޯޑިއަމެއް ހުރިއްޔާ ހެއްދެވިހައި ދޮގެއްހަދާނެ!

    11
    2