ލަންކާއަށް އިއްޔެ ދިން ނިރުބަވެރި ހަމަލާތަކާއެކު، މުޅި ގައުމު ވަނީ ނާމާން ކަމުގައެވެ. އެގައުމުގައި ދިރިއުޅޭ އަހުންނާއި އުހުތުންނަށް ދިމާވި ހިތާމަވެރިކަން އިންތިހާއެވެ. ދެރަވެ ކަރުއަޅާ ރޮވޭ ވަރުވެއެެވެ. ރާއްޖޭގެ އެންމެ އަވައްޓެރި އެއް ގައުމު ކަމަށްވާ ލަންކާގެ މަގުތަކުގެ އަމާންކަން ގެއްލި، ކާފިއު އިއުލާން ކޮށްފިއެވެ. ކުއްލި ނުރައްކަލުގެ ހާލަތާއެކު ގައުމުގެ ސަލާމަތާ ރައްކާތެރި ކަމަށް ބުރުއަރައިފިއެވެ.

އެތައް ދިވެހީންނެއް ދިރިއުޅެމުންދާ ލަންކާގެ ގެތައްވެސް ސިފައިން ފާސްކުރަމުންދާ އިރު، ލަންކާގައި މިދިޔަ 10 އަހަރު އޮތް އަމާންކަން ގެއްލި، ކުރިން އެގައުމު އޮތް ނިރުބަވެރިކަމުގެ ބިރުވެރި ކަމަށް އަނެއްކާވެސް ވެއްޓިއްޖެއެވެ. 300އާ ގާތް ކުރާ އަދަދަކަށް މީހުން މަރުވި އިރު، އެތައް ސަތޭކަ ބަޔަކަށް ވަނީ އަނިޔާތައް ލިބިފައެވެ. ހޮސްޕިޓަލްތައް ވަނީ ފުރާލެވިފައެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި އެންމެ ގިނަ މީހުން މަރުވި އެއް ހަމަލާއަކީ އީސްޓާ ފާހަގަކުރަމުންދިޔަ ސެބެސްޓިއަން ޗާޗަށް ދިން ހަމަލާއެވެ. އެ ހަމަލާގައި 100 އެއްހާ މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެފައިވާ އިރު، އެ ހުރިހާ މީހުންނެއް ގެންދެވިފައި ވަނީ ސަރަހައްދީ ހޮސްޕިޓަލް ނެގޮންބޯއަށެވެ. ހޮސްޕިޓަލުގައި 100 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނެތް ހަށިގަނޑު އޮތް އިރު، 100އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާވެސް ދެމުންނެވެ.

އަވައްޓެރި ލަންކާއިން އެފަދަ ކެކުޅުންތައް ފެނުމަކީ ދިވެހީންނަށް އޭގެ އަސަރު އިންތިހާއަށް ބޮޑު ކަމެކެވެ. އެއީ ކޮންމެ ދީނެއްގެ ބައެއް ނަމަވެސް، އެފަދަ ހަމަލާތަކެއްގައި މުޅި ގައުމު ލޭ އޮހޮރުވާލުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލެއް ނޫނެވެ. އެކަން ކޮށްފައިވާ ކަމަށް ޝައްކު ކޮށްފައި ވަނީ އިސްލާމް ދީނުގެ ނަމުގައި، ދީނުގެ ނަން ކިލަނބު ކުރުމަށް މަސައްކަތް ކުރާ ނިރުބަވެރި ޖަމާއަތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު