ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ފުރަތަމަ ފަހަރަށް އެހެން ގައުމަކަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ބޮމުގެ ހަމަލާތަކާއި ގުޅިގެން ކިންގްސްބަރީ ހޮޓަލުގައި ހުރި ސީރިއާ ރައްޔިތަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ބުނި ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ހައްޔަރު ކޮށްފައިވާ ސީރިއާ މީހާ އާއި ބެހޭ ގޮތުން އަދި ހައްޔަރު ކޮށްފައިވާ އެހެން މީހުންނާއި ބެހޭ ގޮތުން ވެސް ލަންކާ ފުލުހުން އަދި މައުލޫމާތު ހާމައެއް ނުކުރައެވެ.

ލަންކާ ސަރުކާރުގެ ކެބިނެޓް ތަރުޖަމާން ރަޖިތުނާ ސެނަރަތުނާ މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޮމުގެ ހަމަލާތައް ދިނީ "ނޭޝަނަލް ތައުހީދު" ޖަމާޢަތުން ކަމަށް ބެލެވޭ ކަމަށެވެ. އެޖަމާޢަތާއި ބޭރުގެ ފަރާތަކާއި ގުޅުން އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް ލަންކާ ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.

ތައުހީދު ޖަމާޢަތަކީ ބޮމުގެ މިފަދަ ވަރުގަދަ ހަމަލާއެއް ދެވޭ ވަރުގެ ގާބިލްކަން ހުރި ޖަމާޢަތަކަށް ވެދާނެތޯ ތަޖުރިބާކާރުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެޖަމާޢަތުން ބޭރުގެ ހަނގުރާމަވެރިންގެ އެހީތެރިކަން މިހަމަލާއަށް ހޯދާފައިވުން ވަރަށް ގާތެވެ. ނަމަވެސް އެކަން މުޅިން ކަށަވަރު ވާނީ މައްސަލައިގެ ތަޙްޤީޤު އިތުރަށް ކުރިއަށް ގެންދެވިގެންނެވެ.

ބޮމުގެ ހަމަލާތައް ތަޙްޤީޤު ކުރަން ލަންކާ ސަރުކާރުން މިހާރު ވަނީ ބޭރު ގައުމުތަކުގެ އެހީތެރިކަމަށް އެދިފައެވެ. އިންޓަޕޯލްގެ ތަޖުރިބާކާރުން ޓީމެއް ވެސް މިހާރު ވަނީ ބޮމުގެ ހަމަލާތަކުގެ ތަޙްޤީޤުގައި ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރހހ

    1.2ބިލިޔަން މިގައުމުގެ ތިޖޫރީންގެއްލުމުގަ ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭބަޔަކު ހޯދަން އިންޓަޕޯލަށާ ބޭރުގެއެހީއައް ގޮވުމުން ބޭރުގެ ބާރުތަކުން ތުހުމަތުކުރެވޭ މީހުންނަށްދިނީ އެގައުމުތަކުން ހިމާޔަތް. ދެން ތިކަހަލަ އެތައްގޮވުމަކުން ހަތިޔާރު އުފައްދާމީހުންނަށް ފައިދާތަކެއް ލިބޭއިރު ތިކަންކުރި ހަގީގީ ފަރާތް ހޯދައިދޭން ތިބުނާ ގައުމުތަކުން އިހްލާސް ތެރިކަމާއެކީ އެހީއެއްވެދާނެކަމީ ސައްކު އުފެދޭކަމެށް. ތެދެއް ނަންތަކެއް ހިމަނައިފަ އެމީހުން ބޭނުންވާ ގޮތަށް ބަޔާންތަކެއް ނެރެފާނެ. އެވެސް އެމީހުންގެ ވިޔަފާރި ފައިދާއަށް

  2. ނިޒާމު

    ޢިންޑިއާގެ އަޔެއްވެދާނެ ކަމައް ބެލެވޭ ކަމައް ގިނަބަޔަކު ބުނޭ

    6
    1
  3. ރާޅު ބޯއީ

    ލަންކާގައި ބޮން ގޮއްވި ހާދިސާގެ ފަހަތުގައި ވަނީ ތަމަޅަ ޓައިގަރުން. މިއީ އެމީހުންގެ ބަދަލު ހިފުމެއް. ލަންކާ ސަރުކާރުން ތަމަޅައިންނޭ ނުކިޔަނީ ސިންގަޅައިންނާއި އެހެނިހެން ރައްޔިތުން ލޭ ކެކި ސަރުކާރުގެ ދުވަސް ހިނގައިދާނެތީ.