މީގެ ދެ ދުވަސް ކުރިން ލަންކާގެ ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރާލާފައެވެ. މިހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 321 އަށް އަރާފައިވާއިރު، މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ ޖަނާޒާ މިއަދުވަނީ ބާއްވާފައެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާގެ ސަބަބަން އެޤައުމުގައި ޤައުމީ ހިތާމައިގެ ދުވަސް ފާހަގަ ކުރަމުން އަންނައިރު، މިއަދު ވަޅުލާފައިވަނީ ކިތައް މީހުންގެ ހަށިގަނޑުކަމެއް އަދި ސާފެއް ނުވެއެވެ. ލަންކާގެ މީޑިޔާތަކުން ބުނެފައިވަނީ، ޖަނާޒާގެ ކަންތައް ކުރިޔަށް ގޮސްފައިވަނީ ޗާޗްގެ ކައިރީގައި ބޮން ގޮއްވާލާ ދިން ހަމަލާގައި މަރުވި މީހުންގެއެވެ.

އެ ޗާޗްގެ އިސް ފާދިރީ ބީބީސީއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ 1984 ވަނަ އަހަރު އޮތް ސިވިލް ވާރ ގެ ފަހުން މިފަދަ ބޮޑު ޖަނާޒާއެއް އެޤައުމުގައި ނުބާއްވާ ކަމަށެވެ. މަރުވި މީހުންގެ ޖަނާޒާގައި ބައިވެރި ވުމަށް ގިނަ އަދަދެއްގެ ބަޔަކުވަނީ އެސަރަހައްދަށް ޖަމާވެފައެވެ.

ޖަނާޒާގެ ކަންތައް ކުރިޔަށް ދިޔައިރުވެސް، އެސަރަހައްދުގައި ފުލުހުންވަނީ ހަރަކާތްތެރިވެފައެވެ. އަދި ޖަނާޒާއަށް އަންނަ މީހުންވަނީ ބަލާ ފާސްކޮށްފައެވެ.

މިއަދު ލަންކާ އަށް ދިން ހަމަލާ އަކީ އެގައުމުގެ ތާޜީޚްގައި ވެސް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. މީގެ ކުރިން ލަންކާގައި އެއް ފަހަރާ އެންމެ ގިނަ ބަޔަކު މަރުވި ނިރުބުވެރި ހަމަލާއަކީ ޖެނުއަަރީ 31، 1996 ގައި ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލާއެވެ.

އެ ހަމަލާގައި 91 މީހަކު މަރުވެ 1400 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. އެހަމަލާ ދިނީ ގޮވާ އެއްޗެހި އަޅާ ފުރާފައި އޮތް ލޮރީއެއް، ބޭންކްގެ މައި ދޮރު ފުނޑާލައިގެން ގޮސް ގޮއްވާލައިގެންނެވެ. އަދި ލޮރީ ގޮއްވާލި ވަގުތު ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ބަޑިން ވެސް ހަމަލާތައް ދިނެވެ.

ލަންކާގެ ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން އެގައުމުގައި މިފަދަ ނިރުބުވެރި ހަމަލާއެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު