ސައުދީ އަރަބިއްޔާ އިން 37 ނިރުބުވެރިޔަކަށް މަރުގެ އަދަބު ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހުރިހާ އެންމެންނަށް ވެސް މަރުގެ އަދަބު ދީފައި ވަނީ ގިނަ ބަޔަކު ފެންނާނެހެން އާއްމުން އެއްވެފައިވާ މައިދާންތަކެއްގައެވެ.

އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަރުގެ އަދަބު ދިން އެންމެންނަކީ ވެސް ސަލާމަތީ ބާރުތަކުގެ އިމާރާތްތަކަށް ހަމަލާ ދިނުމާއި، ގޮވާތަކެތި ބޭނުން ކުރުމާއި، ސަލާމަތީ ބާރުތަކުގެ އޮފިސަރުންނަށް ހަމަލާ ދިނުމާއި، ގައުމީ ސަލާމަތައް ނުރައްކާ ކުރިމަތިކުރަމުންދާ ޖަމާޢަތްތަކާއި ގުޅުން ބާއްވަމުން އަންނަކަން ސާބިތުވެފައިވާ މީހުން ކަމަށެވެ.

މަރުގެ އަދަބު ދީފައި ވަނީ ވެރިރަށް ރިޔާދްގެ އިތުރުން މައްކާ އާއި މަދީނާ، އަދި މެދުތެރޭގެ ޕްރޮވިންސެއް ކަމަށްވާ ގައްސިމް ޕްރޮވިންސްގެ އިތުރުން ޝީޢީން ގިނަ އިރުމަތީގެ އަވަށެއްގައެވެ.

މަރުގެ އަދަބު ދިން އެންމެންނަށް ވެސް މަރުގެ އަދަބު ދީފައި ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ސައުދީ އަރަބިއްޔާގެ ތިން މަރުހަލާގެ ކޯޓުން ވެސް ނިންމުންނެވެ.

ސައުދީ އަރަބިއްޔާގެ ސަގާފަތް އޮންނަ ގޮތުން އެގައުމުގައި މަރުގެ އަދަބު ދެނީ މެންދުރު ނަމާދަށް ފަހުއެވެ. މަރުގެ އަދަބު ދިނުމަށް ފަހު އެމީހުންގެ ހަށިތައް ފެންނާނެހެން އަސުރު ނަމާދު ވަގުތާއި ހަމައަށް ބަހައްޓައެވެ.

ސައުދީ އަރަބިއްޔާ އަށް ފަހަކަށް އައިސް ވަނީ ނިރުބުވެރިންގެ ނުރައްކާ ވަރަށް ބޮޑުވެފައެވެ. އައިއެސްގެ ހަނގުރާމަވެރިންގެ އިތުރުން ޔަމަންގެ ހޫތީންގެ ނުރައްކާ ވެސް ސައުދީ އަރަބިއްޔާ އަށް އެބައޮތެވެ.

މިއަހަރު ފެށުނު ފަހުން ސައުދީ އަރަބިއްޔާ އިން ވަނީ 100 އަށް ވުރެ ގިނަ މީހުންނަށް މަރުގެ އަދަބު ދީފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި މިދިޔަ އަހަރު ސައުދީ އަރަބިއްޔާ އިން 149 މީހަކަށް މަރުގެ އަދަބު ދިނެވެ.

ނިރުބުވެރިންގެ އިތުރުން އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ޒިނޭ ކުރާ މީހުންނާއި ހަތިޔާރު ބޭނުން ކޮށްގެން ފޭރޭ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ވެސް ސައުދީ އަރަބިއްޔާ އިން މަރުގެ އަދަބު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔސރ

    ސާބަސް ސައޫދީ. ތިގޮތުގަ ކުރިއަށް، ﷲ ތިޔަ ދަވްލަތް ރައްކާ ކުރައްވާށި

    9
    2
    • މޯލްޑިވިޔަން

      ޔަގީންތަ.މީހުންމަރައިގރން ކުރިޔައްދާ ބައެއް ތީ

  2. އަބޫ އައިސާ

    މޯލްޑިވިއަން ހިތަށް އަސަރެއް ކުރާނި ބުރޫނާއި މިހާރު އިސްލާމީ ސަރީއަތް ފުރިހަމަ ކޮއްފި

    2
    1
  3. ރައްޔިތުމީހާ

    ﷲގެ ޙުކުމްތައް ޤާއިމުކުރެވޭނަމަ ކުށް މަދުވާނެ ވެށި އަމާންވާނެ ބިރުވެރިކަންކަން މަދުވާނެ