އިނގިރޭސިވިލާތުގެ އީސްޓް މިޑްލޭންޑްސްގެ ރަންވޭގައި ދެ ފްލައިޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެ ދެ ފްލައިޓް ޖެހިފައި ވަނީ ވަރަށް ބޮޑަށް ފޮގް ވުމުގެ ސަބަބުން ދެ ފްލައިޓްގެ ޕައިލެޓަށްވެސް ރަނގަޅަށް ނުފެނުމުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

ރަޔަން އެއާގެ ފްލައިޓަކާއި ޕްރަވެޓް ޖެޓެއް ޖެހުނު އިރު، ރަޔަން އެއާގެ ފްލައިޓަކީ ތަމްރީނުތަކުގައި ބޭނުން ކުރާ ފްލައިޓެކެވެ. އެ ދެ ފްލައިޓް ޖެހުނު ވަގުތު އެއްވެސް ފްލައިޓެއްގައި ކެޕްޓަނާއި ކްރޫންގެ އިތުރުން ފަސެންޖަރުންނެއް ނެތެވެ. އެހެން ކަމުން އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެއާޕޯޓްގެ އިސް އޮފިޝަލަކު ބުނެފައި ވަނީ ދެ ފްލައިޓް ޖެހުމުން އެއާޕޯޓްގެ އެހެން ދަތުރުތަކަށް ކުޑަވަރެއްގެ ޑިލޭއެއް އައި ނަމަވެސް، މިހާރު އަނެއްކާވެސް އާންމު ހާލަތުގައި ފްލައިޓް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.

ރަންވޭގެ އޮޕަރޭޝަންސްއަށް ޑިލޭއެއް އައުމާ ގުޅިގެން، އެއާޕޯޓްގައި ތިބި ފަސެންޖަރުން ވަނީ ކޮންމެވެެސް ވަރަކަށް ޝަކުވާ ކޮށްފައެވެ. އެހެން ނަމަވެސް ގިނަ މީހުންނަށް އެ ހާދިސާ ހިނގާފައިވާކަންވެސް އެނގިފައެއް ނުވެއެވެ.