ތައިލޭންޑްގެ ޗިއާން ރާއީ ޕްރޮވިންސްގެ ކުޑަ ޓައުނެއް ކަމަށްވާ މައެ ސައިގައި ހުންނަ ހޮހޮޅައެއްގައި ތާށިވެ، މިދިޔަ އަހަރު ސަލާމަތް ކުރި 12 ކުދިންނާއި އެކުދިންގެ ކޯޗާއި ބެހޭ ގޮތުން މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއިން ކުޑަ ފިލްމް ސީރީޒް އެއް ތައްޔާރު ކުރަން ނިންމައިފިއެވެ.

18 ޖޫން 2018 ވަނަ ދުވަހު ހޮހޮޅައިގައި ތާށިިވި މިކުދިން ސަލާމަތްކޮށްފައިވަނީ 18 ދުވަހުގެ މަސައްކަތުން، ދުނިޔޭގަައި މިފަދަ ގޮތަކަށް ބަޔަކު ސަލާމަތްކުރަން ބޭއްވި އެންމެ ބޮޑު އޮޕަރޭޝަންއާއެކުގައެވެ.

ނެޓްފްލިކްސްއިން ބުނެފައިވަނީ މި ސީރީޒް ހެދުމަށް ބޭނުންވާ ހުއްދަ މިހާރު މި ހޯދާފައިވާ ކަމަށެވެ. މިހާތަނަށް މިހާދިސާއާ ބެހޭ ގޮތުން 2 ފޮތެއްވަނީ ޗާޕްކޮށްފައެވެ. އަދި މި ޑިސެންބަރ މަހު މިހާދިސާއާ ގުޅޭ ގޮތުން ތައްޔާރު ކުރާ ފިލްމެއް ރިލީޒް ވާނެ ކަމަށް ބޭރުގެ މީޑިޔާތަކުން ހާމަކުރެއެވެ.

ފަރުބަދަމަތީ ސަރަޙައްދެއްގައި ހުންނަ ބޮޑު ހޮހޮޅައަކަށް ވަދެ އުޅުމުގެ ތެރޭގައި ގެއްލުނު މިކުދިން، ހޯދަމުން ދަނިކޮށް ފެނިފައިވަނީ 9 ދުވަސް ފަހުންނެވެ. އަދި މި ޓީމް އެ ހޮހޮޅައިން ސަލާމަތް ކުރުމަށް 9 ދުވަސް ނެގިއެެވެ. މި ޓީމްގައި އުމުރުން 11 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިން ހިމެނެއެވެ. މިކުދިން ގެއްލިފައިވަނީ 25 އަހަރުގެ ކޯޗް އާވެސް އެކުގައެވެ. އެކުދިން ހޮހޮޅައިގެ ތެރެއަށް ގެއްލިފައިވަނީ ބޯ ވާރޭގެ ސަބަބުން އެތަނުގެ ބައެއް ގިރައިގެންގޮސް ނިކުމެވެން ހުރި ހަމަ އެކަނި ދޮރު ބަންދުވުމުންނެވެ. ވިއްސާރަ ދުވަސްވަރުގެ މި ހޮހޮޅައިގެ އަޑީގައި 16 ފޫޓަށް ފެންބޮޑުވާ ކަމަށް ވެސް ވެއެވެ.