ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ، އެމެރިކާގެ ލަސް ވޭގަސް އިން މެކްސިކޯގެ މޮންޓެރޭއަށް ދަތުރުކުރި އެ ފްލައިޓު ރާޑަރުތަކުން ގެއްލުނުތާ ގިނައިރެއް ނުވަނީހެވެ. މި ހާދިސާގައި މަރުވެފައި ވަނީ ޖުމްލަ 14 މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެތެރޭގައި ފްލައިޓުގެ ތިން ކްރޫ މެމްބަރުން ހިމެނެއެވެ.

މި ހާދިސާގައި ފްލައިޓުން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށް މެކްސިކޯގެ ޓްރާނސްޕޯޓް މިނިސްޓްރީގެ ތަރުޖަމާނުވެސް ވަނީ ވިދާޅުވެފައެވެ.

މި ފްލައިޓު ވެއްޓިފައި ވަނީ، މެކްސިކޯގެ މޮންކްލޮވާ ސިޓީގެ ފަރުބަދަމަތީ ސަރަޙައްދަކަށެވެ. މިކަމާއި ގުޅިގެން، އެ ސަރަޙައްދަށް ދަތުރު ކުރުމުގައި އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ބޮޑެތި ހުރަސްތަކާއި ކުރިމަތުވަމުންދާކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން އެމެރިކާގެ އޭވިއޭޝަން ކުންފުންޏެއް ކަމަށްވާ "ފްލައިޓްއެވެއާ" އިން ބުނެފައިވަނީ، ވެއްޓިފައި ވަނީ ކެނެޑާގެ ބޮމްބާޑިއާ ކުންފުނިން އުފައްދާފައިވާ ލަގްޒަރީ ބިޒްނަސް ޖެޓެއް ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ފްލައިޓުން ދަތުރު ކުރި މީހުންގެ އެއްވެސް މައުލޫމާތެއް އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ފްލައިޓުން ދަތުރުކުރީ، ހޮނިހިރު ދުވަހު ލަސް ވޭގަސްގައި އޮތް ބޮކްސިންގ މުބާރާތެއް ބަލަން އެމެރިކާއަށް ދިޔަ ބައެއް ކަމަށް މެކްސިކޯގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

ބައެއް މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ، ޓްވިން އިންޖީނުގެ އެ ފްލައިޓް ބާރުގަދަ ތޫފާނެއް ދައުރުވަމުން ދިޔަ ސަރަޙައްދެއް ހުރަސް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.