އަލިފާނުގެ ހާދިސާއެއް ހިނގައި ރަޝިޔާގެ މޮސްކޯ އެއާޕޯޓަށް އިއްޔެގެ ވަގުތެއްގައި ފްލައިޓެއް ވެއްޓުނީ އެ ފްލައިޓު ނައްޓާލިތާ މާގިނައިރެއް ނުވަނީސް ފްލައިޓަށް ހޮނު އެޅުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެއިރޯފްލޮޓް ސުޚޮއީ ސުޕަޖެޓްގެ މި ފްލައިޓުގައި ރޯވީ ފްލައިޓު މޮސްކޯގެ އެއާޕޯޓުން ނައްޓާލިތާ 20 ވަރަކަށް މިނެޓު ވީފަހުންނެވެ. އެ ފްލައިޓު ވެއްޓިގެން ނުރައްކާތެރި ހާދިސާއެއް ހިނގީ، ހޮނު އެޅުމުން ފްލައިޓުގެ ކޮމިއުނިކޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެގެން އިމަޖެންސީ މެނުއަލް މޯޑުގައި ޖައްސަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާ ހިނގި ވަގުތު ފްލައިޓުގައި 73 ފަސެންޖަރުންނާއި ފަސް ކްރޫ މެމްބަރުން ތިއްބެވެ. އޭގެތެރެއިން 41 މީހަކު މަރުވެފައިވާ ކަމަށް ސިއްޙީ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާއިރު، ހަތް މީހަކަށް އެކިވަރުގެ އަނިޔާ ވެގެން ފަރުވާދެމުން ދެއެވެ. އޭގެތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގި ވަގުތު ރެކޯޑުކޮށްފައިވާ މަންޒަރުތައް ފެންނަ ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، މި ހާދިސާގައި ސަލާމަތްވި ބައެއް މީހުން ސަލާމަތް ހޯދުމަށް ފްލައިޓުން ފައިބައިގެން ދުވެފައިިދާ މަންޒަރު އެއިން ބައެއް ވީޑިއޯތަކުން ފެނެއެވެ.

އަލިފާނުގެ ހާދިސާ ދިމާވެގެން ފްލައިޓު އިމަޖެންސީގައި މޮސްކޯ އެއާޕޯޓަށް ޖައްސާފައި ވަނީ، އެ އެއާޕޯޓުން ނައްތާލިތާ 20 ވަރަކަށް މިނެޓު ފަހުންނެވެ. ފްލައިޓް ރާޑަރ24 އިން ދައްކާ ގޮތުގައި އެމެޖެންސީގައި ފްލައިޓް ޖެއްސުމުގެ ކުރިން، ފްލައިޓްވަނީ މޮސްކޯ ވަށައިގެން ދެބުރު އަޅާފައެވެ.

އިއްޔެ ރަޝިޔާގެ މޮސްކޯގައި ފްލައިޓެއް ވެއްޓި 41 މީހުން މަރުވިއިރު ރޭގެ ވަގުތެއްގައި އެމެރިކާގެ ލަސް ވޭގަސް އިން މެކްސިކޯގެ ސިޓީއަކަށް ދަތުރު ކުރަމުން ދިޔަ ބިޒްސަސް ޖެޓެއްވެސް ވަނީ ވެއްޓިފައެވެ. އެ ހާދިސާގައި ކްރޫ މެމްބަރުން ހިމެނޭ ގޮތަށް 14 މީހަކު ވަނީ މަރުވެފައެވެ.