އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ހުޅަނގު އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ މިލްޑިއުރާއަށް ހިރަފުހުގެ ގަދަފަދަ ތޫފާނެއް އަރައިފިއެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި ތޫފާން އެ އަވަށަށް އަރާފައިވާއިރު، ތޫފާނެއްގެ އިންޒާރު އިދާރާތަކުން ދީފައިވަނީ ތޫފާން އަރަން ފެށި ވަގުތުއެވެ. އެހެންކަމުން އެކަމަށް ތައްޔާރުވުމަށް އެ އަވަށުގެ ރައްޔިތުންނަކަށް ފުރުސަތެއް ނުލިބުނެވެ.

މި މަންޒަރު ދުށް ފަރާތްތަކުން ނޫސްތަކުގައި ބުނެފައިވާގޮތުގައި އެންމެ ފުރަތަމަ ތޫފާން އަރައިގެން އައި ވަގުތު މުޅި އުޑުމަތި އަޅި ކުލައަކަށް ބަދަލުކޮށްލިއެވެ. އެއަށްފަހު އޮރެންޖު ކުލައެއްގައި ވައި ނުސާފުވެ އޮތުމަށްފަހު ކުއްލިއަކަށް އުޑުމަތި އެކީގައި އަނދިރިވެގެން ދިޔައީ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. އަދި އެވަގުތު ވަރަށް ބޮޑަށް ވައިގަދަވި ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވާގޮތުގައި މި ތޫފާން އަރައިގެން އައި ވަގުތު ގަޑިއަކު 90 ކިލޯމީޓަރަށް ވައިގަދަވިއެވެ. މިއީ ކަނޑުގައި އުފެދޭ ބާރުގަދަ ތޫފާންތަނުގައިވެސް އާންމުކޮށް ވައިގަދަވާ މިންގަނޑެވެ. މި ބާރުމިނުގައި ވައި ޖެހުމާއި އެކު އެއްވެސް ތަނެއް ނުފެންނަ މިނަވްރަށް ތޫފާނުގެ އަސަރު މިލްޑިއުރާއަށް ގަޑިއެއްހާ އިރު ވަންދެން ކޮށްފައި ވެއެވެ.

މި ތޫފާން އެރި މިލްޑިއުރާ އޮންނަ އޮސްޓްރޭލިއާގެ ދެކުނުގެ ސަރަޙައްދަށް ވާރޭ ނުވެހޭތާ ވަނީ ގިނަ ދުވަސްވެފައެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ ބިންގަނޑު ވަރަށް ބޮޑަށް ހިކި ހިރަފުސްވެފައި ވާކަމަށް ވެއެވެ. ވައިގަދަވި ވަގުތެއްގައި މިލްޑިއުރާ ސަރަޙައްދުގައި ހިރަފުހުގެ ތޫފާނެއް އުފެދެން މެދުވެރިވީ މި ސަބަބާއި ގުޅިގެން ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މި ތޫފާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިލްޑިއުރާގެ ބައެއް އިމާރާތްތަކާއި ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ ކޭބަލްތަކާއި މަގުތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ގަދަ ވައިގެ ސަބަބުން ލިބިފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ. ކުރިޔަށް އޮތް ދުވަސްތަކަކީ މި ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ބެލެވިފައިވާ ދުވަސްވަރަކަށް ވާތީ، އާންމުން އެކަމަށް ސަމާލުވުމަށް އިދާރާތަކުން މިހާރު ވަނީ އިލްތިމާސްކޮށްފައެވެ.