ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ބައްޔެއް ކަމަށްވާ މަންކީ ޕޮކްސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ސިންގަޕޫރުން ފެނިއްޖެއެވެ.

މިކަން ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތުން މިހާރު ކަށަވަރުކޮށްދީފައި ވާއިރު، އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި މިކަމާއި ގުޅޭގޮތުން ވިދާޅުވީ މަންކީޕޮކްސް ޖެހިގެން ފަރުވާ ދެމުންދަނީ އުމުރުން 38 އަހަރުގެ އެޤައުމަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށެވެ.

މި މީހާ މިހާރު ސިންގަޕޫރުގެ ނޭޝަނަލް ސެންޓަރ ފޯރ އިންފެކްޝިއަސް ޑީޒީޒަޒް (އެންސީއައިޑީ)ގެ އެކަހެރި ވޯޑެއްގައި ބާއްވައިގެން ފަރުވާދެމުންދާއިރު އޭނާގެ ހާލު އަދި ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެފަރާތްތަކުން ބުނެފައިވަނީ، އެމީހާއަށް އަދި އެ ބަލީގެ އަސަރު ކުރަން ފެށިތާ ގިނަ ދުވަސްތަކެއް ނުވާ ކަމަށެވެ.

މަންކީޕޮކްސް އަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ހަށިގަނޑަށް ވާސިލުވާ ވައިރަސް އެކެވެ. މި ވައިރަސް ޖަނަވާރުންގެ ހަށިގަނޑުން އިންސާނުންގެ ހަށިގަނޑަށް ކުރަނީ އިންފެކްޓުވެފައިވާ ޖަނަވާރަކާއި މާ ކައިރިވުމުންނެވެ. އަދި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އިތުރު މީހުންނަށްވެސް މި ބަލީގެ އަސަރު ކުރާއިރު، މިއީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.

މަންކީޕޮކްސްގެ އަސަރު ކުރާން ފެށުމުން ގަދަޔަށް ހުން އައިސް، ގައިގައި ރިއްސައި ބޮޑެތި ސައިޒުތަކުގެ ފެން ބިހި މުޅި ހަށިގަނޑުގައި ނަގައެވެ. މި ވައިރަސް އަކީ ނިއުމޯނިއާ ޖެހުމަށްވެސް މަގުފަހިކުރާ ވައިރަސް އަކަށްވާއިރު، ނުރައްކާތެރި މިންވަރަކަށް ބަލީގެ އަސަރު ހަށގަނޑަށް ފެތުރިއްޖެ ނަމަ ފުރާނައަށްވެސް ނުރައްކާ ވެއެވެ.

ސިންގަޕޫރުން މަންކީޕޮކްސް ޖެހުނު މީހާއަކީ ދާދިފަހުން ނައިޖީރިޔާގައި އޮތް ހަފްލާއަކަށް ދިއުމަށްފަހު އެނބުރި ޤައުމަށް އައި މީހެކެވެ. އޭނާއަށް ބަލީގެ އަސަރު ކުރީ ނައިޖީރިއާގައި އުޅުނު ދުވަސްވަރުގައި ކަމަށް ވަނީ ބެލެވިފައެވެ. ސިންގަޕޫރުގެ ސިއްޙީ އިދާރާތަކުން ވަނީ އެމީހާ އާއި އެކުގައި އުޅުނު 23 މީހަކުވެސް ފާހަގަކޮށް އެފަރާތްތަކުގެ ޓެސްޓުތަކެއް ހަދަން ނިންމާފައެވެ.