ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ޖަމާޢަތުން ނައިޖީރިޔާގެ 11 ސިފައިން މަރާލައިފިއެވެ.

ނޫސްތައް ބުނާގޮތުގައި އެ ޖަމާޢަތުން ނައިޖީރިޔާގެ ސިފައިންގެ ބަޔަކު މަރާލާފައި ވަނީ ނައިޖީރިޔާގެ އިރުއުތުރުގެ ސަރަޙައްދެއްގައި އޮންނަ އަވަށެއް ކަމަށްވާ ގަޖިގަންނާއަށް ދިން ހަމަލާތަކެއްގެ ތެރޭގައެވެ. މި ހަމަލާގެ ޒިންމާ ނަގާކަން އައިސިސް އިން ވަނީ، އެ ޖަމާޢަތުގެ މީޑިއާއެއް މެދުވެރިކޮށް ހާމަކޮށްފައެވެ.

އައިސިސް އިން ބުނީ، ނައިޖީރިޔާގެ ސިފައިންނާއި އައިސިސް ގެ ހަނގުރާމަވެރިންނާއި ދެމެދު ހަމަލާތައް ބަދަލު ކުރެވެން ފެށީ މިދިޔަ ހުކުރު ދުވަހުގައި ކަމަށެވެ. އަދި އެ ހަމަލާތައް ދިގުދެމިގެން ގޮސް އިއްޔެވެސް ހަމަލާ ބަދަލުކުރެވުނުއިރު މިހާތަނަށް ނައިޖީރިޔާގެ 11 ސިފައިންގެ މީހަކު މަރާލާފައިވާނެ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

އައިސިސްއިން މިގޮތަށް ބުނެފައިވާއިރު އެ ޖަމާޢަތުގެ މީޑިއާއެއް މެދުވެރިކޮށް، މަރުވެފައިވާ ނައިޖީރިޔާ ސިފައިންގެ ހަށިގަނޑު ފެންނަ ކަމަށް ބުނާ ފޮޓޯތަކެއް ދައުރުކޮށްފައި ވެއެވެ.

ދުނިޔޭގެ އެންމެ ފަޤީރު އަދި އެންމެ ނިކަމެތި ހާލުގަިއ މީހުން އުޅޭ އެއް ޤައުމު ކަމަށްވާ ނައިޖީރިޔާގައި ލޭ އޮހޮރުވައި އެޤައުމަށް އަރަން އައިސިސް އިން މަސައްކަތް ފަށާފައި ވާއިރު ނައިޖީރިޔާ ސިފައިންނަށް ހަމަލާ ދިން ސަބަބެއް އެ ޖަމާޢަތުން ބުނެފައި ނުވެއެވެ. އެ ޖަމާޢަތުން ދަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ލޭއޮހޮރުވުން ހިންގައި ޤައުމުތަކުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރަމުންނެވެ. ކުށެއް ނެތް އެތައް އާންމުންނެއް މި ހަމަލާތަކުގައި މަރަމުންދާއިރު އެ ޖަމާޢަތުގެ ނިރުބަވެރިން ބުނަމުންދަނީ އެއީ ޖިހާދު ކުރުން ކަމަށެވެ.

މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ އައިސިސް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި އަވައްޓެރި ސްރީލަންކާގެ އަށް ތަނެއްގައިވެސް ބޮން ގޮއްވާލައިގެން ނިރުބަވެރި ހަމަލާތަކެއް ދީފައެވެ. އެ ހަމަލާގައި ވެސް ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ކުށެއްނެތް އެތައް އާންމުންނެއް މަރާލާފައި ވެއެވެ.

އައިސިސްގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، ސީރިޔާގައި އުފެދުނު އެ ޖަމާޢަތުގެ ނުރައްކާ ދުނިޔޭގެ އެތައް ޤައުމަކަށް ދަނީ ފޯރަމުންނެވެ. މުސްލިމުންގެ ހައްޤުގައި ޖިހާދުކުރާ ކަމަށް ބުނެ ޤައުމުތަކުގައި މި ޖަމާޢަތުން ހުއްޓުމެއް ނެތި އެތައް ޖަރީމާއެއް ހިންގަމުންދާއިރު، ފަލަސްތީނު ފަދަ ޤައުމުތަކުގައި އެތައް މުސްލިމުންނެއް ޔަހޫދީންގެ ވަކިތަކުގެ ދަށުވެ ކޮންމެ ދުވަހަކު ޝަހީދު ވަމުންދާތާ ވަނީ އެތައް ޒަމާނެއް ވެފައެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން އެޖަމާޢަތުން މިހާތަނަށް ބަހެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައްދާމް

    އައިސިސްއިން އުޅެނީ އަމިއްލަ ނިރުބަވެރި ގައުމެއް އުފައްދައިގަންނަން ކަމައް އެބަބެލެވޭ.. ފަގީރު ގައުމުތަކަކީ ފަސޭހަ އަމާޒަކައްވާނެ.. އަދި ރާއްޖެ ކަހަލަ ސެކިއުރިޓީ ދެރަ ގައުމުތައްވެސް އަމާޒަކައްވުން އެކަށީގެންވޭ..

    3
    2
  2. ޙަބީބު

    ހަމަސީދާ އެމެރިކާނުން ހިންގާ ޖަރީމާއެއް މިފަދަ ހަތިޔާރުގެ ވަގުވިޔަފާރި ކުރަނީ އެމެރިކާ އިޒުރޭލު

    5
    1
  3. ހުސެން ކޮއި

    ނައިޖީރިއާ އަކީ އެފްރިކާގައި ތެލުގެ އެންމެ ބޮޑު ރިޒާވް، އެހެންވީމާ "ނައިޖީރިއާ ނީޑްސް ފްރީޑަމް"