ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކޮށް އެ ވިޔަފާރިއަށް ހުށަހެޅުމަށް ޤައުމުތަކަށް ގެންދާން އުޅުނު މިޔަންމާގެ ރަކީން ސްޓޭޓަށް ނިސްބަތްވާ ރޮހިންޖާ ދަރިފަސްކޮޅަށް ނިސްބަތްވާ އަންހެން ކުދިންތަކެއް ސަލާމަތްކޮށްފިއެވެ.

މިކަން ހާމަކޮށް ބަންގްލަދޭޝްގެ ފުލުހުން ބުނެފައިވަނީ، މިދިޔަ އާދީއްތަ ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ބަންގްލަދޭޝްގެ ވެރިކަންކުރާ ޑާކާއިން ވައިގެ މަގުން މެލޭޝިއާއަށް ފުރުވާލަން އުޅުނު ރޮހިންޖާ ދަރިފަސްކޮޅުގެ 23 އަންހެން ކުއްޖަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ އިދާރާތަކުން ބުނެފައިވާގޮތުގައި، މި ކުދިންނަކީ ހަށިވިއްކުމުގެ ވިޔަފާރިއަށް ހުށަހެޅުމަށް ފުރުވާލާ ކުދިންކަން އެނގިފައިވަނީ، ހޮނިހިރު ދުވަހު، ރޮހިންޖާ ދެމަފިރިއަކު ހިމެނޭގޮތަށް ބަންގްލަދޭޝްއިން ހައްޔަރުކުރި ހަތަރު މީހެއްގެ އަތުން ފެނުނު ޕާސްޕޯޓުތަކާއި ލިޔެކިޔުންތަކެއްގެ ސަބަބުން ކަމަށެވެ. އެމީހުންގެ އަތުން 50 އަށްވުރެ ގިނަ ޕާސްޕޯޓު ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ބަންގްލަދޭޝްގެ އިދާރާތަކުން ހާމަކޮށްފައިވާގޮތުގައި އާދީއްތަ ދުވަހު ސަލާމަތްކުރި ރޮހިންޖާގެ 23 އަންހެން ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދުގެ އަންހެން ކުދިން ކަމަށެވެ. އަދި އެމީހުންނަކީ އެކި ގޮތްގޮތުން ޖިންސީ ގޯނާއާއި ކުރިމަތިލާފައިވާ ކުދިން ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

2017 ވަނަ އަހަރު ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިފަސްކޮޅުގެ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އިންސާނިއްޔަތާއި ޚިލާފު ޖަރީމާތަކުގައި ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވިއެވެ. އަދި 740،000 އަށްވުރެ ގިނަ މުސްލިމުން ރައްކާތެރިކަން ހޯދުމަށް ޖެހިގެން އޮތް ބަންގްލަދޭޝްއަށް ހިޖުރަ ކުރިއެވެ. އޭގެތެރެއިން ތިން ލައްކައަށްވުރެ ގިނަ މީހުން އަދިވެސް ދިރިއުޅެމުންދަނީ ރެފިއުޖީ ކޭމްޕުތަކުގައި ކަމަށް ވެއެވެ.

ހަށިވިއްކުމުގެ ވިޔަފާރިއަށް ހުށަހަޅަން އުޅެނިކޮށް މިދިޔަ އާދީއްތަ ދުވަހު ބަންގްލަދޭޝްގެ އިދާރާތަކުން ސަލާމަތްކޮށްދީފައި ވަނީ، މިގޮތުގެ މަތީން ރެފިއުޖީ ކޭމްޕުތަކުގައި އުޅެމުންދިޔަ ކުދިންތަކެކެވެ. އެކުދިން މެލޭޝިޔާއަށް ފުރުވާލަން އުޅުނީ ވަޒީފާ ހަމަޖެހިފައިވާ ކަމަށް ބުނެ އޮޅުވާލައިގެންނެވެ. މި މައްސަލަ އާއި ގުޅިިގެން އިދާރާތަކުން މިހާރު ތަހުޤީޤެއް ފަށާފައިވައިރު، އެކަމާއި ގުޅުންހުރި އިތުރު ބަޔަކު ވޭތޯ ބެލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ވަނީ ހިއުމަން ޓްރެފިކިންގް ދައުވާ ކޮށްފައެވެ.