މެދުތެރޭ އެމެރިކާގެ ޤައުމެއް ކަމަށްވާ ޕެނަމާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ، މިރޭ ރާއްޖެ ގަޑިން 1:30 ހާއިރު ޕެނަމާ އާއި އެޤައުމާއި އިންވެގެން އޮންނަ ކޮސްޓަރިކާ ގުޅޭ ބޯޑަރު ކައިރިޔަށް ރެކްޓަރ މިންގަނޑުން 6.1 ގެ ބާރުމިނުގައެވެ. މި ބިންހެލުމަށްފަހު، ބިންހެލުން އައި ސަރަޙައްދަށް އަދިވެސް ބާރުގަދަ ލޮޅުންތައް އަންނަމުންދާއިރު މިހާތަނަށް 7 ލޮޅުމެއް އައިސްފައި ވެއެވެ.

ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި މި ބިންހެލުން އައީ އެ ސަރަޙައްދުގެ ބިމުގެ 30 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުން އައި ސަރަޙައްދާއި އެންމެ ގާތުގައި އޮންނަނީ ސެންޓަ ކްރޫޒް ނަމަކަށްކިޔާ އަވަށެކެވެ. އެ އަވަށް އޮންނަނީ ބިންހެލުން އައި ސަރަޙައްދާއި ފަސް ކިލޯމީޓަރު ދުރުގައެވެ.

މި ބިންހެލުމުގެ އަސަރު ސެންޓަ ކްރޫޒްގެ ބައެއް ސަރަޙައްދުތަކަށްވެސް ކޮށްފައިވާއިރު، މިހާތަނަށް ބިންހެލުމުގައި އެ އަވަށަށް ލިބުނު ގެއްލުމެއް ނޫސްތަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާގޮތުގައި މި ބިންހެލުމުގައި މީހުން ދިރިއުޅޭ ސަރަޙައްދަކަށް މާބޮޑު އަސަރެއް ކޮށްފާނެ ކަމަށް ނުބެލެވެއެވެ.

މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީގެ އިންޒާރު ނެރެފައި ނުވެއެވެ.

2017 ވަނަ އަހަރުވެސް މި ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 6.5 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުމުގައި ދެ މީހަކު މަރުވެ ގިނަ އަދަދެއްގެ އިމާރާތްތަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު