ފަލަސްތީނުގެ ބިންތަށް ފޭރިގަނެ އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރިތާ 71 އަހަރު ފުރުމާއި ދިމާކޮށް "ނަކްބާ ދުވަސް" ފާހަގަ ކުރަން ފަލަސްތީނުގެ ރައްޔިތުން މާދަމާ ބޮޑު މުޒާހަރާއަކަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ނަކްބާ ދުވަހަކީ ފަލަސްތީނުގެ ބިންތަށް ފޭރިގަތްތާ މާދަމާއަށް 71 އަހަރު ފުރޭއިރު އިސްރާއީލުގެ ދައުލަތެއް 1948 ވަނަ އަހަރު އުފެއްދުމާ ގުޅިގެން ނުރުހުން ފާޅުކޮށް ކޮންމެ އަހަރަކުވެސް ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ދުވަހެކެވެ.

މިއީ، އެގޮތުން ފަލަސްތީނުގެ ރައްޔިތުން މިގޮތުން ފާހަގަކުރާ އެންމެ ބޮޑު "ނަކްބާ" ދުވަހަށް ވާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މާދަމާ ބާއްވާ ބޮޑު މުޒާހަރާގައި ފަލަސްތީނުގެ އެއްމިލިއަން މީހުން ބައިވެރިވާނެއެވެ. މާދަމާގެ ބޮޑު މުޒާހަރާއަށް ފަލަސްތީނުގެ ސަރުކާރުގެ އިދާރާތަށް ވެސް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

މާދަމާގެ ބޮޑު މުޒާހަރާގައި ފަލަސްތީނުގެ ރައްޔިތުނާއި ދެކޮޅަށް އިސްރާއީލުން ބާރުގެ ބޭނުން ކުރާނެ ކަމަށް ބެލެވޭއިރު މިއަދާ ހަމައަށް މި ހިނގި 71 އަހަރުގެ ކޮންމެ މެއި 15 ވަނަ ދުވަސް ފަލަސްޠީނު ރައްޔިތުން އަންނަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ އައު ހިތްވަރެއް ކަމުގައި ދެކެމުންނެވެ. މި މިޒާހަރާތަކުގައި އެތަށް ބަޔަކު ޝަހީދުވެ އެތަށް ބަޔަކު ވަނީ ޒަހަމުވެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 300 އަށް ވުރެން މައްޗަށް އަރައެވެ. މީގެ އިތުރުން އިސްރާއީލަށް ރޮކެޓް ހަމަލާތަށް ދިން ކަމަށް ބުނެ ދާދި ފަހުން އައްޒާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 27 ރައްޔިތުން ޝަހީދު ކޮށްލާފައެވެ.