ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ޕަޕުއާ ނިއު ގިނީ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ޕަޕުއާ ނިއު ގިނީގެ އަވަށެއް ކަމަށްވާ ކޮކޯޕޯގެ އައްސޭރީގެ ސަރަޙައްދަކަށް، ރެކްޓަރ މިންގަޑުން 7.7 ބާރުމިނުގައެވެ. މި ބިންހެލުން އައީ ބިމުގެ ދިހަ ކިލޯމީޓަރ ކަނޑު އަޑިން ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން ޕަޕުއާ ނިއު ގިނީ އޮންނަ އޯޝަނިއާގެ ބައެއް ރަށްތަކަށް ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރު މިހާރު ވަނީ ނެރެފައެވެ.

މި ބިންހެލުމާއި ގުޅިގެން ޕެސިފިކް ސުނާމީ ވާނިންގ ސެންޓަރުން ބުނެފައިވަނީ، ސުނާމީ އެއް އުފެދި ބިންހެލުން އައި ސަރަޙައްދާއި 600 މޭލު ދުރުގައިވާ ހިސާބުތަކަށް ކުރިޔަށް އޮތް ވަގުތުތަކުގައި ގެއްލުން ބޮޑު ރާޅުތައް އެރުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި ބިންހެލުން އައިތާ ގިނައިރެއް ނުވަނީސް، ދާދި ދެންމެއަކު ހަމަ އެ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި ލޮޅުންތަކެއް އައިސްފައިވާ ކަމަށް ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނެއެވެ. މި ބިންހެލުމާއި ގުޅިގެން ޕަޕުއާ ނިއު ގިނީއަށް ލިބުނު ގެއްލުމެއް އަދި ނޫސްތަކުގައި ރިޕޯޓުކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން 17:58 ހާއިރު ރާއްޖެ އާއި 8768 ކިލޯމީޓަރު ދުރަށް، ރެކްޓަރ މިންގަނޑުން 7.3 ގޭ ބާރުމިނުގައި ކަމަށެވެ. ނަމަވެސް ބޭރުގެ އިދާރާތަކުން ބުނެފައިވާގޮތުގައި ބިންހެލުމުގެ ބާރުމުން 7.7 އަށް އަރައެވެ. މި ބިންހެލުމާއި ގުޅިގެން އުފެދިދާނެ ކަމަށް ބެލެވޭ ސުނާމީގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތެއް ނެތެވެ.

އެ ބިންހެލުމާއެކު ބޮޑެތި ރާޅުތަކެއް އަރާނެ ކަމަށް ނެރުނު އިންޒާރު މިހާރު ވަނީ އުވާލާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮސް

    ކަލޭމެން އެބަ ޖަހާ އެމެރިކާ ބުނާ އެއްޗެހި. އެއީ ކަލޭމެންނަށް ކަމުދާ ބައެއްވެސް ނޫނެއްނު؟

    2
    3