އަވައްޓެރި ސްރީލަންކާގައި ދުއްވާފައި ދިޔަ ރޭލަކާއި، އާންމު ދަތުރުފަތުރުތަކަށް ބޭނުންކުރާ ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ ލަންކާގެ އެންމެ ދެކުނުގައި އޮންނަ ޖަފްނާގެ ދެ އަވަށް ކަމަށްވާ ޕަލޭ އާއި ކޮޑިކަމަމް އާއި ދެމެދު ޤާއިމްކޮށްފައިވާ ޖަންގްޝަން ސަރަޙައްދުންނެވެ.

ލަންކާގެ އެތެރޭގެ ދަތުރުފަތުރުތައް ކުރުމަށް އާންމު މަގުތައް ހުރަސްވާ ގޮތަށް، ހަތަރުއަނގޮޅިތަކުގައި ވެސް ރެއިލް ދަތުރުކުރާ ލޭންތަކާއި މަގުތައް ހަދާފައިވާއިރު، މި އެކްސިޑެންޓު ހިނގީ ރެއިލް އަންނާތީ މަގު ބަންދުވެ ރަތް ސިގްނަލް ދިއްލިފައި ވަނިކޮށް އެ މަގު ހުރަސް ކުރުމަށް ބަސް ދުއްވަން ހުރި މީހާ މަސައްކަތް ކުރުމުންނެވެ.

މި ހާދިސާ ހިނގި ވަގުތު ބަހުގައި ޑްރައިވަރުގެ އިތުރުން އެއްވެސް މީހަކު ނެތްއިރު، އެކްސިޑެންޓުގައި އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ލަންކާގެ ނޫސްތައް ބުނާގޮތުގައި އެ މީހާއަށް ފަރުވާދެމުން ދަނީ ޖަފްނާ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އަދި އޭނާގެ ހާލު ވަރަށް ދެރަކަމަށްވެސް ސިއްހީ އޮފިޝަލުންނާއި ހަވާލާދީ އެ ނޫސްތަކުގައި ބުނެފައި ވެއެވެ.

މި ހާދިސާގައި އތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އެކްސިޑެންޓުވި ބަހާއި ރޭލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އެކްސިޑެންޓާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރެއިލް ދަތުރުގެ ޚިދުމަތަށް ވަނީ ބުރޫއަރާފައެވެ.