ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 74 މީހަކު ހައްޔަރު ކޮށްފިއެވެ.

ލަންކާގެ ފުލުހުން ބުނީ ހައްޔަރު ކުރި އެންމެންނަކީ ވެސް ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުންކަމަށާއި ވެސްޓަން ޕްރޮވިންސްގެ މިނުވަންގޮޑާ އާއި އުތުރު ވެސްޓަން ޕްރޮވިންސްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 74 މީހަކު ހައްޔަރުކޮށް 33 މީހަކުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

ލަންކާގައި މުސްލިމުންނާ އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން، އުމުރުން 45 އަހަރުގެ މުސްލިމް ވިޔަފާރިވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ މަރާލާފައެވެ.

ރޭވެސް މިނުވަންގޮޑަގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް ފިހާރަތަކުގެ އިތުރުން މިސްކިތަކަށް ވަނީ ގެއްލުން ދީފައެވެ. އެސަރަހައްދުގައި އުޅޭ މީހުން ބުނީ، އެމީހުންގެ ފިހާރަތަކަށް ގެއްލުން ދީފައިވަނީ ޕެޓްރޯލް ބޮން ބޭނުންކޮށްގެން ކަމަށެވެ. ރޭގައި މުޅި ލަންކާގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ.

ލަންކާގައި ހަމާލާތައް އިތުރަށް ގޯސްވިޔަ ނުދިނުމަށް ބައެއް ސަރަހައްދުތަކުގައި ކާފިޔު އިއުލާންކޮށް މީސް މީޑިއާ ބޭނުން ކުރުން ވަނީ މަނާ ކޮށްފައެވެ.

ބުޑިސްޓުންގެ ބޮޑު މެޖޯރިޓީއެއް އޮންނަ ލަންކާގައި މުސްލިމުން ޙިއްސާކުރަނީ އެޤައުމުގެ އާބާދީގެ އެންމެ 10 އިންސައްތައެވެ. އެޤައުމުގެ އާބާދީގެ 70 އިންސައްތަ އަކީ ބުޑިސްޓުންނެވެ. ކަން މިހެން އޮތުމުން ބައިމަދު މުސްލިމުންނަށް ބުޑިސްޓުންގެ ނުބައި ރޭވުންތަކުގެ ތެރެއިން ކޮންމެ ފަދަ އަނިޔާއެއްވެސް ދީފާނެކަމުގެ ބިރު އޮތީ ބޮޑުވެފައެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އީސާއީ ދީނުގެ ތިން ފައްޅިއަކަށާއި މަތީ ފަންތީގެ ތިން ހޮޓަލަކަށް ހަމަލާދީ 250 އަށް ވުރެ ގިނަ މީހުން މަރާލި ހާދިސާއަށް ފަހު އެ ގައުމުގައި ހަމަނުޖެހުން ވަނީ ބޮޑުވެފައެވެ.