މެދުއިރުމަތީގެ އެންމެ ބޮޑު އެއްބާރު ކަމަށްވާ އީރާން އާއި ކުރިމަތިލުމަށް މެދުއިރުމައްޗަށް އެމެރިކާގެ 120000 ސިފައިން ފޮނުވަން އެމެރިކާގެ ރައީސް ޑޯނަލްޑް ޓަރަންޕް ނިންމައިފިއެވެ.
ރިޕޯޓްތަށް ބުނާގޮތުގައި މެދުއިރުމަތީގައި އެމެރިކާގެ ފައުޖުތަކަށް އަމާޒުވެދާނެ ހަމަލާއެއްގައި އީރާން އާއި ކުރިމަތިލުމަށް އާ ޑިފެންސް ޕްލޭނެއް ހުށައެޅުއްވީ އެކްޓިން ޑިފެންސް ސެކްޓްރީ ޕެޓްރިކް ޝެނެހޭންއެވެ.
ރިޕޯޓްތަށް ބުނާގޮތުގައި ޝެނެހޭން މި ޕްލޭން ހުށައެޅުއްވި ނަމަވެސް، މި ޕްލޭނުގެ އަޑީގައި ހުންނެވީ ޖޯން ބޯލްޓަންއެވެ. އޭނާއަކީ މީގެ ކުރިން ވެސް އީރާނަށް ހަމަލާދިނުމަށް ގޮވާލާފައިވާ މީހެކެވެ.
އިއްޔެ ވައިޓް ހައުސްގައި ކުރި މަޝްވަރާތަކުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން އާއި އެމެރިކާގެ ރައީސް ހިމެނެއެވެ.
އީރާނާ އެމެރިކާގެ މައްސަލަ ހޫނުވެފައިވާ އިރު، އެ ދެގައުމުން ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އެގޮތުން އީރާނުން ބުނެފައި ވަނީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.
ގަތަރުގައި ހުންނަ އެމެރިކާގެ އެއާބޭސްއަށް ހަތިޔާރު އެޅި ޖެޓުތައް އެމެރިކާއިން ފޮނުވާފައިވާ އިރު، އީރާނަށް ބިރުދެއްކުމަށް، ގަލްފް ކަނޑަށް އެމެރިކާގެ އަބްރަހަމް ލިންކަން އެއާކްރާފްޓް ކެރިއަރުވެސް ވަނީ ފޮނުވާފައެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާއަށް މިލިޓަރީ ގޮތުން ހަނގުރާމައެއް ފަށަން ނުކެރިގެން އުޅެނީ ކަމަށާއި، އެމެރިކާއިން މިހާރު ބޭނުން ވަނީ ސައިކޮލޮޖިކަލް ހަނގުރާމައަކަށް ދާން ކަމަށެވެ.
އީރާނުން ބުނީ މީގެ ކުރިން އެމެރިކާގެ އެއާކްރާފް ކެރިއާއެއް 40 ވަރަކަށް ޖެޓްގެ އިތުރުން 3000 ވަރަކަށް ސިފައިންނާއެކު ގަލްފް ސަރަހައްދުގައި އޮތުމަކީ ބިރެއް ނަމަވެސް، މިހާރު އެއީ ފުރުސަތެއް ކަމަށެވެ. އަދި މިހާރު އެއީ އީރާނުން ޖެހިލުންވާ ކަމެއް ނޫން ކަމަށާއި، އެމެރިކާއިން ރަސްމީކޮށް ހަނގުރާމަ އިއުލާން ނުކޮށްގެން އުޅެނީ އެމެރިކާ ބަލިކަން އަމިއްލައަށް އިހުސާސް ކުރެވޭތީ ކަމަށެވެ.
އީރާނެއް ބިރެއް ނުގަންނާނެ ކިތަންމެ ސިފައިނެއް ފޮނުވިޔަސް އެމެރިކާއިން.
އެމެރިކާ ހަރަދު ކޮށްފަ ބިލް ހަވާލު ކުރާނީ އަރަބި ގައުމުތަކާއެވެވެ.