ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ހައްލެއް ގެނައުމުގެ ނަމުގައި އެމެރިކާ ސަރުކާރުން އެކުލަވާލާފައިވާ "ގަރުނުގެ އެއްބަސްވުމަށް" ފަލަސްތީނުން ރައްދު ދީފިއެވެ.

އެ އެއްބަސްވުމުގައި ފަލަސްތީނު ބަލިކަށި ކޮށްލާނެ އެތައް ކަމެއް އެމެރިކާއިން ހިމަނާފައިވާ އިރު، ފަލަސްތީނުން ބުނެފައި ވަނީ މަދު ފައިސާ ކޮޅަކަށް ގައުމު ވިއްކާ ނުލާނެ ކަމަށެވެ. އެމެރިކާއިން މެދުވެރިއަކަށްވެ، އިސްރާއީލާ ފަލަސްތީނާ ދެމެދު ސުލްހަ ގާއިމް ކުރުމުގެ ނަމުގައި އިސްރާއީލަށް ވާގި އެދުމުގެ ގޮތުން ހަދާފައިވާ އެއްބަސްވުމުގައި ހުރިހާ ފައިދާއެއް އޮތީ އިސްރާއީލަަށެވެ. އޭގެތެރޭގައި ހުޅަނގު އައްސޭރި އިސްރާއީލާއި ފަލަސްތީނާއި ދެމެދު ވަކި ގޮތެއްގެ މަތިން ބަހާލަން ނިންމުން ހިމެނެއެވެ.

މިއެއްބަސްވުމުގެ ދަށުން "ނިއު ފަލަސްތީން" ނަމަކަށް ކިޔާ ގައުމެއް އުފައްދަން ވަނީ ނިންމާފައެވެ. އެއީ ހުޅަނގު އައްސޭރި އާއި ޣައްޒާގެ މައްޗަށް ބާރު ހިންގާ ގައުމެއް ކަމަށާއި ނަމަވެސް މިހާރު ހުޅަނގު އައްސޭރިން އިސްރާއީލްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދު ދެމިއޮންނާނީ އިސްރާއީލްގެ ބައެއްގެ ގޮތުގައި ކަމަށް އެއްބަސްވުން ބުނެއެވެ.

ގުދުސް އަކީ ނިއު ފަލަސްތީން އާއި އިސްރާއީލްގެ ވެސް ވެރިރަށް ކަމަށާއި ނަމަވެސް އެއީ އެއްވެސް ގައުމެއްގެ ރަށަކަށް ނުވާނެ ކަމަށް އެއްބަސްވުން ބުނެއެވެ. ނަމަވެސް ގުދުސްގެ މުނިސިޕަލް ހުރިހާ ބާރެއް އޮންނާނީ އިސްރާއީލް ސަރުކާރަށް ކަމަށް ވެސް އެއްބަސްވުން ބުނެއެވެ. އަދި އޭގެ އިތުރުން ފަލަސްތީނުގެ ދިފާއުގައި ސިފައިން ތިބެން ނުޖެހޭނެ ކަމަށާއި، ހުރިހާ ގޮތަކުން ފަލަސްތީނު އަޅުވެތި ކުރަން މަޖުބޫރު ކުރާ މާއްދާތައް އެއްބަސްވުމުގައިވެއެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެފައި ވަނީ އެމެރިކާ މެދުވެރިވެ، އިސްރާއީލުން ފަލަސްތީނަށް ދެވޭނެ އިންސާނިއްޔަތު ކަމެއް ނޯންނާނެ ކަމަށެވެ. އެގޮތުން މި ހުރިހާ ދުވަހު އިސްރާއީލުން ސުލްހަ ބޭނުން ނުވެ، އެތައް ބަޔަކު ޝަހީދުކޮށް، އެތައް ބަޔަކު ކާން އެތިކޮޅެއް ނެތް ހާލު ޖައްސާ، އެތައް ބިމެއް ހިސޯރުކޮށް، ހާއްސަކޮށް އަލް އަގްސާގެ ހުރުމަތް ކަނޑާލާ، އެ ހުރިހާ ކަމެއް ކުރީވެސް އެމެރިކާގެ މަދަދުގައި ކަމަށް މަހުމޫދު އައްބާސް ވިދާޅުވިއެވެ.

ގަރުނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އަރަބި ބޮޑެތި ގައުމުތަކުން ފަލަސްތީނަށް ޕްރެޝަރު ކުރާ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، ފަލަސްތީނުން ބުނެފައި ވަނީ އެ ޕްރެޝަރަށް ނުގުޑާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަސަނު

    ވަށަ ވަށައިގެން ތިބި ޢަރަބި މުނާފިޤުންނަށް ލަޢުނަތް ލައްވާށި އާމީން !

    20
  2. ްެއެކުވެރިޔާ

    ސާބަހޭ ފަލަސްތީން..

    23
  3. މުސްލިމާ

    ތީ ގައުމާއި އިސްލާމް ދީން ދެކެ ލޯބިވާ ދަރިންނަކީ ... ސާބަހޭ
    މި ރާއްޖެގަވެސް އަހަރެމެން ބޭނުމީ އެކަހަލަ ދަރިން....

  4. ސަމޭދާން

    ސާބަހޭ ތިކުރާ ހިތްވަރަށް.