ފަލަސްތީނުގެ ރައްޔިތުން މިއަދު "ނަކްބާ ދުވަހުގެ" ބޮޑު މުޒާހަރާއަށް ތައްޔާރުވަމުންދާ އިރު، އެ މުޒާހަރާގައި މީހަކު މަރުވެއްޖެ ނަމަ، އޭގެ ރައްދު ހަމަލާ ވަގުތުން ވަގުތަށް ދޭނެ ކަމަށް ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ބުނެފިއެވެ.

ނަކްބާ ދުވަހަކީ އިސްރާއީލުގެ ދައުލަތެއް 1948 ވަނަ އަހަރު އުފެއްދުމާ ގުޅިގެން، އޭގެ ފަހުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް އަޑު އުފުލުމަށް ކޮންމެ އަހަރަކު މޭ މަހުގެ 15 ފާހަގަކުރާ ދުވަހެކެވެ. އެ ދުވަހަކީ އިސްރާއީލާ ދެކޮޅަށް އަޑު އުފުލުމަށް އެންމެ ގިނަ ބަޔަކު އެއްވާ ދުވަހެވެ. އާންމުކޮށް ކޮންމެ އަހަރަކު އެ މުޒާހަރާތަކަށްވެސް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލައެވެ.

މިއަހަރުގެ މުޒާހަރާއަށް މިހާރު ތައްޔާރުވަމުންދާ އިރު، ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޒާހަރާ ފެށޭނެ ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނެފައިވާ ގޮތުގައި މިއަދުގެ މުޒާހަރާ ވެގެންދާނީ މިހާތަނަށް ފެނިގެންދާ އެންމެ ބޮޑު މުޒާހަރާއަށެވެ.

" ނަކްބާ ދުވަހުގައި ފަލަސްތީނުގެ އެއްވެސް ރައްޔިތެއްގެ ލޭ އޮހޮރިގެން ގޮސްފިނަމަ، ލަހެއް ފަހެއް ނުވެ ވަގުތުން އިސްރާއީލަށް ރައްދު ދޭނަން،" އިސްލާމިކް ޖިހާދުގެ މިލިޓަރީ ކޮމާންޑަރަކު ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނަށް އެތަކެއް އަނިޔާތަކެއް ދެމުންދާ އިރު، އެމެރިކާ އިސްވެގެން އިސްރާއީލަށް ވާގި އެދުމަށް މިހާރު ވަނީ "ގަރުނުގެ އެއްބަސްވުމެއް" ހަދާފައެވެ. އެ އެއްބަސްވުމުގައި ފަަލަސްތީނު ނެތި ކޮށްލާނެ ކަންކަން ހިމަނާފައިވާ އިރު، އެއްބަސްވުމުގައި ފަލަސްތީނުން ސޮއިކުރާނެ ކަމަށް ނުބެލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު