ސައުދީ އަރަބިއްޔާގައި ތެޔޮ ނެގުމަށް ބޭނުން ކުރާ ދެ ޕަމްޕް ސްޓޭޝަނަކަށް މިދިޔަ އަންގާރަ ދުވަހު ދިން ހަމަލާއަކީ މުޅި ދުނިޔޭގެ އިޤްތިސާދަށް ދިން ހަމަލާއެއް ކަމަށް އެޤައުމުން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އެޤައުމުގެ ސަރުކާރުން ބުނެފައިވަނީ، މިއީ ހަމައެކަނި ސައުދީ އަރަބިއްޔާއަށް ދިން ހަމަލާއެއް ނޫން ކަމުގައި އާއި، މި ހަމަލާ އެޤައުމުން ތެޔޮ ސަޕްލައި ކުރާ ދުނިޔޭގެ ހުރިހާ ޤައުމަކާއި އެ ޤައުމުތަކުގެ އިޤްތިސާދަށް އަމާޒުވެގެން ގޮސްފައިވާ ކަމަށެވެ.

އަންގާރަ ދުވަހު، ޑްރޯން ބޭނުންކޮށްގެން ސައުދީގެ ޕަމްޕް ސްޓޭޝަންތަކަށް ހަމަލާ ދިނީ ޔަމަންގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ހޫތީންނެވެ. މި ހަމަލާއަށްފަހު އެ ޖަމާޢަތުން ވަނީ ހަމަލާގެ ޒިންމާވެސް އުފުލާފައެވެ. މިހަމަލާ އަމާޒުވެފައި ވަނީ ޔޫއޭއީ ކައިރިން ވެސް ސައުދީ އަރަބިއްޔާގެ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާ ދިންތާ ދެ ދުވަސް ފަހުންނެވެ.

ސައުދީ އަރަބިއްޔާ އިން ތެޔޮ ނެގުމަށް ބޭނުން ކުރާ ޕަމްޕް ސްޓޭޝަންތަކަކަށް ހަމަލާއެއް އަމާޒުވި ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން މިއަދު ބައިނަލްއަޤުވާމީ ބާޒާރުގައި ވަނީ ތެލުގެ އަގު އުފުލެން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯހަން

    ސައުދީމީ ހަޔާތްވެސް ކުޑަ ބައެކޭ ، ޔަހޫދީން ނެކޭ މިމީހުން ނެކޭ ކޮބާ ތަފާތެއް . ޔަމަނުގެ ކުށެއްނެއް ކުޑަކުދިންނާ އަންހެނުންގެ އެތައްބައެއް މަރާފަ އެމީހުން ދިފާއުގަ ދިން ހަމަލާއަކުން އެންމެފަހަރަކު ގެއްލުމެއްވީމަ ފޯރިއެއް އެބަ ހުއްޓެއްނު ދުނިޔޭގެ ސަމާލުކަން ހޯދަން .