ބާރުގެ ބޭނުންކޮށްގެން އެމެރިކާއަށް އުތުރު ކޮރެއާ ކޮންޓްރޯލް ކުރެވިދާނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށް އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ހުށަހަޅުމެއް ޤަބޫލުނުކުރާކަން ހާމަކޮށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އުތުރު ކޮރެއާގެ ކާގޯ ބޯޓެއް ހިފަހައްޓާފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ. އަދި އެކަމަކީ، އެމެރިކާއާއެކު މަޝްވަރާއަށް ދިއުމުގެ ރޫހު ގެއްލުވާލި އަމަލެއް ކަމަށް އުތުރު ކޮރެއާއިން ބުނެފައި ވެއެވެ.

އެމެރިކާއިން އުތުރު ކޮރެއާގެ އާގުބޯޓެއް ހިފަހައްޓާފައި ވަނީ، އެޤައުމުގެ ނިއުކްލިއާ ޕްރޮގްރާމު ފުޅާކުރުމުގެ ގޮތުން ޤަވާއިދާ ޚިލާފަށް މުރަކަ އާއި ހެވީމެޝިނަރީ އެކްސްޕޯޓު ކުރަން އުޅުނު ކަމަށް ބުނެއެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު އިންޑޮނީޝިއާގެ ކަނޑުގެ ސަރަޙައްދުން މި ބޯޓު ހިފަހައްޓައި ޓޯކޮށްފައިވާއިރު، އެކަން އެމެރިކާއިން ހާމަކުރީ މިދިޔަ ހަފްތާގައެވެ.

އެ ބޯޓު ވަގުތުން ދޫކޮށްލުމަށް އެމެރިކާއަށް ގޮވާލާ އުތުރު ކޮރެއާއިން އިތުރަށް ބުނެފައި ވަނީ އެމެރިކާއިން ބޯޓު ހިފެހެއްޓުމަކީ ވަރަށް ދަށު ދަރަޖައިގެ "ގޮތްކުޑަ" އަމަލެއް ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދާދިފަހުން ސިންގްޕޫރުގައި ބައްދަލުކޮށް، ދެޤައުމުގެ ދެމެދުގައި ގުޅުން ވަރުގަދަ ކުރުމަށް ދެކެވުނު ވާހަކަތަކަށް މިކަމުން އަސަރު ކުރާނެ ކަމަށް އުތުރު ކޮރެއާއިން ވަނީ ބުނެފައެވެ.

ޓްރަމްްޕް އާއި ކިމް އެއްބަސްވުމެއްގައި ސޮއި ކުރަނީ
ޓްރަމްްޕް އާއި ކިމް އެއްބަސްވުމެއްގައި ސޮއި ކުރަނީ

ހިފަހައްޓާފައިވާ އުތުރު ކޮރެއާގެ އާގުބޯޓު މިވަގުތު އޮތީ އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުން ޕެސިފިކް ކަންޑުން އެޤައުމުގެ ބާރު ފޯރާ އަތޮޅުތަކެއް ހިމެނޭ އެމެރިކަން ސަމޯގެ ބަނދަރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    އެމެރިކާގެ ނޭއްގާނީކަން ގައުމުތަކާއި އެކު ގެންގުޅުނަސް އެމެރިކާ ބުނާހާ ގޮތަކަށް ކަންކުރަންޖެހޭކަމަށް އެމީހުން ދެކުމަކީ މި ތަހުޒީބީ ދުނިޔޭގައި ބަލައިގަނެވޭނެ ކަމެއްނޫން.

    25