އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ފަލަސްތީނުގެ ބިމުގައި ގާއިމު ކުރިތާ 71 އަހަރު ފުރުމާއި ދިމާކޮށް "ނަކްބާ ދުވަސް" ފާހަގަ ކުރަން އިއްޔެ ފަލަސްތީނުގެ ރައްޔިތުން ބޭއްވި މުޒާހަރާގެ ތެރެއަށް އިސްރާޢީލް ސިފައިން ބަޑި ޖަހައި 65 މީހުން ޒަހަމު ކޮށްލި ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގަޑްރާ ވިދާޅުވީ އިއްޔެ މުޒާހަރާގައި ޒަހަމު ކޮށްލި 65 މީހުންގެ ތެރޭގައި 22 ކުޑަކުދިނާއި 5 އަންހެނުން ހިމެނޭކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި އެންމެންގެ ތެރެއިން ގިނަ މީހުން ޒަހަމުވީ އިސްރާއީލުގެ ސިފަައިން ލައިވް ވަޒަން ބޭނުން ކުރުމުންނެވެ.

އިއްޔެ މުޒާހަރާ ފެށިތާ އިރުކޮޅެއް ނުވަނީސް އިސްރާއީލްގެ ނޫހެއް ކަމަށްވާ، "ހަރޭޒް"، އިން ބުނެފައިވަނީ މުޒާހަރާ ކުރާ ފަލަސްތީން މީހުންގެ ތެރެއަށް އިސްރާޢީލް ސިފައިން ބަޑި ޖަހާ ކަރުނަ ގޭސް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސުކަންކް ސްޕްރޭވެސް ބޭނުން ކުރަމުންދާ ކަމަށް މީޑިޔާއިން ރިޕޯޓް ކުރެއެވެ. ސުކަންކް ސްޕްރޭއަކީ ބާރުގަދަ 7 ކެމިކަލެއް ބޭނުންކޮށްގެން އުފައްދާފައިވާ ނުރައްކާތެރި ސްޕޭއެކެވެ.

ފަލަސްތީނުގެ ބިން އިސްރާއީލުން ގަދަކަމުން ފޭރިގަތް ދުވަހު، އިސްރާއީލްގެ 750,000 މީހުންނަށްވުރެ ގިނަ މީހުން އަމިއްލަ ވަޒަން ދޫކޮށް ދިއުމަށްވަނީ މަޖުބޫރުކޮށްފައެވެ.

މިދިޔަ އަހަރު ނަބްކާ ދުވަސް ފާހަގަ ކުރުމަށް، އޭގެ އެއް ދުވަސް ކުރިން، 14 މެއި ގައި ކުރި މުޒާހަރާގެ ތެރެއަށް ބަޑި ޖަހާ 62 މީހަކުވަނީ ޝަހީދުކޮށްލާފައެވެ. އަދި 2700 މީހުންވަނީ ޒަޚަމްކޮށްލާފައެވެ. އެދުވަހުން ފެށިގެން ސިލްސިލާ ގޮތެއްގައި ކޮންމެ ދުވަހަކު ފަލަސްތީނުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.