ފަލަސްތީނު ބިމުގައި އޮހޮރާލާ ލޭގެ އަގު އިސްރާއީލުން ދައްކަންޖެހޭނެ ކަމަށް ތުރުކީ - ޕަލަސްތީން ޕާލިމެންޓަރީ ގުރޫޕުން ބުނެފިއެވެ.

އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރިތާ 71 އަހަރު ފުރުމާއި ދިމާކޮށް "ނަކްބާ ދުވަސް" ފާހަގަ ކުރަން އިއްޔެ ފަލަސްތީނުގެ ރައްޔިތުން ބޭއްވި މުޒާހަރާގެ ތެރެއަށް އިސްރާޢީލް ސިފައިން ބަޑި ޖަހައި 65 މީހުން ޒަހަމު ކޮށްލުމާއި ގުޅިގެން އެގުރޫޕުގެ އެންމެ އިސްވެރިޔާ ހަސަން ތުރާން ވަނީ އިސްރާއީލުގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

"އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަ ކޮށް ކޮންމެ ދުވަހަކު އެބިމުގައި ފަލަސްތީނުގެ ރައްޔިތުންގެ ލޭ އޮހޮރުވާލުމުގެ ޒިންމާ އިސްރާއީލުން ނަގައި އެ ލޭގެ އަގު އިސްރާއީލުން ދައްކަން ޖެހޭ ދުވަސް އަންނާނެ " ހަސަން ތުރާން ވިދާޅުވިއެވެ.

އައްޒާގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގަޑްރާ ވިދާޅުވީ އިއްޔެ މުޒާހަރާގައި ޒަހަމު ކޮށްލި 65 މީހުންގެ ތެރޭގައި 22 ކުޑަކުދިނާއި 5 އަންހެނުން ހިމެނޭކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި އެންމެންގެ ތެރެއިން ގިނަ މީހުން ޒަހަމްވީ އިސްރާއީލުގެ ސިފަައިން ލައިވް ވަޒަން ބޭނުން ކުރުމުން ކަމަށެވެ. ފަލަސްތީނުގެ ބިން އިސްރާއީލުން ގަދަކަމުން ފޭރިގަތް ދުވަހު، ފަލަސްތީނުގެ 750,000 މީހުންނަށްވުރެ ގިނަ މީހުން އަމިއްލަ ވަޒަން ދޫކޮށް ދިއުމަށްވަނީ މަޖުބޫރުކޮށްފައެވެ.

މިދިޔަ އަހަރު ނަބްކާ ދުވަސް ފާހަގަ ކުރުމަށް، އޭގެ އެއް ދުވަސް ކުރިން، 14 މެއި ގައި ކުރި މުޒާހަރާގެ ތެރެއަށް ބަޑި ޖަހާ 62 މީހަކުވަނީ ޝަހީދުކޮށްލާފައެވެ. އަދި 2700 މީހުންވަނީ ޒަޚަމްކޮށްލާފައެވެ. އެދުވަހުން ފެށިގެން ސިލްސިލާ ގޮތެއްގައި ކޮންމެ ދުވަހަކު ފަލަސްތީނުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭބެ

    . ފަލަސްތީނުގެ ބިން އިސްރާއީލުން ގަދަކަމުން ފޭރިގަތް ދުވަހު، އިސްރާއީލްގެ 750,000 މީހުންނަށްވުރެ ގިނަ މީހުން އަމިއްލަ ވަޒަން ދޫކޮށް ދިއުމަށްވަނީ މަޖުބޫރުކޮށްފައެވެ
    މީކޮން ވާހަކައެއްތޯއެވެ. މިތަންކޮޅު ކިޔާލުމުން؟ ؟؟؟؟