ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުން ދިޔަ ފަލަސްތީންގެ ރެފިއުޖީންތަކެއް މިއަދު ރޯދަ ވިއްލަން ތިއްބާ އެމީހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ރެފިއުޖީން ޝަހީދުވެއްޖެއެވެ.

އދ.ގެ އިންސާނީ އެހީދޭ ޖަމާޢަތް ޔޫއެންގެ ރިލީފް އެންޑް ވޯކާސް އެޖެންސީން ބުނީ ރޯދަ ވިއްލަން އެއްވެފައި ތިބި އާއިލާތަކަކަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާތަކެއްގައި 10 މީހަކު ޝަހީދު ވެފައިވާ ކަމަށެވެ. އަދި އިތުރު 30 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އެޖަމާޢަތުން ބުނެއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

ޔޫއެން ރިލީފް އެޖެންސީން ބުނީ ނެއިރަބް ރެފިއުޖީ ކޭމްޕަށް ވަރަށް ގިނަ ރޮކެޓް ހަމަލާތަކެއް މިއަދު އަމާޒުވި ކަމަށެވެ.

"ޝަހީދުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ. އޭގެތެރެއިން އެންމެ ހަގު ކުއްޖާގެ އުމުރުންވީ އެންމެ ހައަހަރު. ޒަހަމްވެފައިވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ހާލު ވެސް ވަރަށް ދެރަ." ރިލީފް އެޖެންސީގެ ބަޔާނުގައި ވެއެވެ.

މިހަމަލާތައް ދީފައި ވަނީ ކޮންބައެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހަމަލާގެ ފަހަތުގައި ސީރިއާގެ ވެރިކަން ކުރާ ބައްޝާރުލް އަސަދުގެ ވަފާތެރި ސިފައިން ވެސް ތިބެދާނެއެވެ. ނުވަތަ މިއީ ހަނގުރާމަވެރި ޖަމާޢަތެއްގެ ހަމަލާއަކަށް ވެސް ވެދާނެއެވެ.

ސީރިއާގައި ހަރަކާތްތެރިވި އައިއެސް ޖަމާޢަތް ބަލިވި ނަމަވެސް އަދިވެސް އެގައުމުގައި ވަރަށް ގިނަ ހަނގުރާމަވެރި ޖަމާޢަތްތައް ހަތިޔާރާއި އެކު ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުމުގެ ކުރިން ސީރިއާގައި ފަލަސްތީނުގައި ދެލައްކަ ފަންސާސް ހާހަށް ވުރެ ގިނަ ރެފިއުޖީން ތިއްބެވެ. ސީރިއާގެ ދާހިލީ ހަނގުރާމަ ފެށި ފަހުން އޭގެ ތެރެއިން ބައެއް މީހުން ވަނީ ސީރިއާ ދޫކޮށް ގޮސްފައެވެ. ނަމަވެސް އަދިވެސް ސީރިއާގައި ފަލަސްތީނުގެ އެތައް ހާސް ރެފިއުޖީންނެއް ދިރިއުޅޭނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަންމަދޭ

    يا الله ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށް ދެއްވައި އެބައިމީހުންނަށް ނަސްރާއި ކާމިޔާބު ދެއްވާފާނދޭވެ!

    14
  2. ޔާ ﷲ

    ޙަސްބުނައްﷲ ވަނިޢްމަލް ޥަކީލް.

    15
    1