ލަންކާގައި މުސްލިމުންނާއި ދެކޮޅަށް ބުދިސްޓުން ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، މުސްލިމުންނަށް ދަތި ކުރުމުގެ ގޮތުން، މުސްލިމުން ހިންގާ ފިހާރަތަކަ ބުދިސްޓު ހާމުދުރުން ވަދެ އެތަންތަނުގައި ތިބޭ ކަސްޓަމަރުން ބޭރުކުރަން ފަށައިފިއެވެ.

މި މަންޒަރު ފެންނަ ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ހާމުދުރުން، ފިހާރަތަކަށް ވަދެ މުސްލިމް ވިޔަފާރިވެރިންނަށް އިންޒާރުދޭ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ.

"އަހަރެން ފިހާރައިގައި ކޮއްކޮ އައި އެކު ހުއްޓައި ބުދިސްޓު ހާމުދުރަކާއި އަދި އިތުރު މީހަކު ފިހާރައަށް ވަދެގެން އައި. އަދި ފިހާރައިގައި ތިބި ކަސްޓަމަރުންގެ ގާތަށް ގޮސް އެމީހުން ކުރަނީ ކީއްތޯ ސުވާލު ކުރި. ޖަވާބުގައި، ސްކާޓަކާއި އެހެން ބައެއް ތަކެތި ގަންނަން ވެގެން ބަލަނީ ކަމަށް އެމީހުން ބުނި. އެއާއެކު ހާމުދުރު ބުނި، މި ފިހާރަތަކުން އެއްޗެހި ގަންނާނެ ކަމެއް ނެތޭ، ވަގުތުން ގެޔަށް ދާށޭ. ދެން އެމީހުން ނިކުމެގެން ދާން ފެށީމަ ބުނި، ލަދެއްވެސް ނުގަނޭހޭ މިތަންތަނުން ވިޔަފާރި ކުރަން،" ލަންކާގައި ބުދިސްޓުން ހަމަނުޖެހުން ހިންގަމުންދިޔަ އަވަށެއް ކަމަށްވާ ޕަދިޔައްތަލަވައިގެ ފިހާރައެއް ހިންގާ މުސްލިމަކު، މިދިޔަ ހަފްތާގައި އޭނާއަށް ކުރިމަތިވި ހާދިސާއެއް މީޑިއާގައި ޙިއްސާކުރަމުން ބުންޏެވެ.

"އޭނާ އެހި، ކާކުތޯ މިތަނުގެ ވެރިޔަކީ. އަހަރެން ބުނިން އަހަންނޭ. އެއާއެކު އޭނާ ބުނީ ޕަދިޔައްތަލަވަ އަވަށުގައި ވިޔަފާރި ކުރާނެ ކަމެއް ނެތޭ، އެ އަވަށުގައި ވިޔަފާރި ކުރާނަމަ ބޮޑެތި ކަންކަމާއި ކުރިމަތިވާނެއޭ. އަދި ކޮނޑުގައި އަތް ޖަހާލުމަށްފަހު ބުނި ހުރިހާ އެއްޗެއް ޕެކު ކޮށްގެން އުފަން އަވަށަށް ދިއުމަށް ބުނެ، ބޭއަދަބީ ބަހުން ކޮންމެވެސް އެއްޗެކޭ ބުނަމުން ނިކުމެގެން ދިޔަ. އޭނާ މި އަވަށުގައި މުސްލިމުން ހިންގާ އެހެން ފިހާރަތަކަށް ވަދެވެސް މިފަދަ އިންޒާރުތަކެއް ދެމުންދޭ،" އޭނާ އިތުރަށް ކިޔައިދިނެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ލަންކާގައި މުސްލިމުންނާއި ދެކޮޅަށް ބުދިސްޓުން ހިންގާ ޖަރީމާތަކުގެ ތެރެއިން މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތަކާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ. އެގޮތުން އާދައިގެ ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތައް ކުރާ މުސްލިމުންގެ ތަންތަން ލޫޓުވައި އެތަންތަނަށް ގެއްލުންދީ ރޯކޮށްލާފައި ވެސް ވެއެވެ.

ބުދިސްޓުންގެ ބަޔަކު މުސްލިމުންނަށް އަނިޔާ ދެމުން ދަނީ ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާގެ ފަހަތުގައި ތިބީ މުސްލިމުން ކަމަށް ބުނެއެވެ. އެ ހަމަލާ މުސްލިމުންގެ ބޮލުގައި އަޅުވައި އެކަން ބަހަނާއަކަށް ދައްކައިގެން މީގެ ކުރިންވެސް މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ މިފަދަ އަމަލުތަކުގައި ބުދިސްޓުން މަސްއޫލު ވެގަތީ، މުސްލިމުންގެ ނަމުގައި ދުނިޔެ ފަސާދަކޮށް ދީނުގެ ނަމުގައި ޖިހާދު ކުރަން ކަމަށް ބުނެ ކުޑަކުދިންނާއި އަންހެނުން މަރައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޭއޮހޮރުވުން ހިންގާ އިސްލާމިކް ސްޓޭޓްސް (އައިސިސް) ޖަމާޢަތުން ހަމަލާގެ ޒިންމާ އުފުލުމުންނެވެ.

ލަންކާގައި ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަސް ތެރޭ މުސްލިމުންނާއި ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކުގެ ތެރެއިން މުސްލިމުންނަށް އަނިޔާކޮށް އެކަކު މަރާލާފައިވެސް ވެއެވެ. އަދި ލޭއޮހޮރުވުން ހިންގައި މުސްލިމުންނަށް ތަފާތު އިންޒާރުދީ މުސްލިމް އާއިލާތަކަށް ނުރައްކާ ކުރިމަތި ކުރުވާފައި ވެއެވެ. މި ހަމަލާތަކުގައި ބުދިސްޓުން އަވަދިނެތި އުޅެމުންދާއިރު، ހަމަލާތައް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ މިދިޔަ ހަފްތާގެ ތެރޭގައި ޖެހިޖެހިގެން ދެ ރެއެއްގެ މަތިން ލަންކާގައި ކާފިއު އިއުލާނުކޮށްފައި ވެއެވެ. ނަމަވެސް ކާފިއު ހިންގި ވަގުތުތަކުގައި ވެސް ހަމަނުޖެހުން ހިންގުމަށް ބުދިސްޓު ގުރޫޕުތަކުން މިނިވަންކަމާއެކު މަގުތަކަށް ނިކުމެ އުޅުނެވެ.

މި ހަމަލާތަކުގެ ނުރައްކާ މުސްލިމުންނަށް އިތުރު ވެގެން ދިޔައީ، ބުދިސްޓުންގެ ހަރަކާތްތަކުގައި އެޤައުމުގެ ދިފާއީ ބާރުތަކުގެ ބައެއް މީހުންވެސް ބައިވެރިވާން ފެށުމުންނެވެ. އެގޮތުން މުސްލިމުންނަށް ދޭ ހަމަލާތަކުގައި ފުލުހުންނާއި ސިފައިންވެސް ބައިވެރިވަމުންދިޔަ މައްސަލަތައް ފެންމަތިވެ އެމަންޒަރު ފެންނަ ވީޑިއޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވެއެވެ.