ދަތުރުކޮށްފައި ދިޔަ އެމެރިކާ އަސްކަރިއްޔާގެ ވައިގެ އުޅަނދެއް އެޤައުމުގެ ލޮސް އެންޖެލްސްގެ ގުދަނެއްގެ މައްޗަށް ވެއްޓިއްޖެއެވެ.

މި ހާދިސާ އާއި ގުޅިގެން މައުލޫމާތު ދެމުން ޔޫއެސް އެއާފޯސްގެ އޮފިޝަލަކު ބީބީސީގައި ބުނެފައިވަނީ ވެއްޓިފައި ވަނީ އެފް-16 މަރުކާގެ ފައިޓާ ޖެޓެއް ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު އޭގެގެ ޕައިލެޓް ވައިކުޑައެއްގެ އެހީގައި ސަލާމަތްވެފައި ވާއިރު، އެ ޖެޓު ވެއްޓުނު ގުދަނުގެ ކައިރީގައި ތިބި ފަސް މީހަކަށް އަނިޔާވެފައި ވާ ކަމަށް އޮފިޝަލް ވަނީ ބުނެފައެވެ.

އޮފިޝަލް ބުނެފައިވާގޮތުގައި މި ޖެޓު ވެއްޓުނީ އަސްކަރީ ތަމްރީނުތަކެއް ކުރިޔަށްގެންދަނިކޮށް ލޮސް އެންޖެލްސް ގައި ހުންނަ އެމެރިކާ އަސްކަރިއްޔާގެ ބޭސްއެއްގެ ތެރޭގައިވާ ގުދަނެއްގެ މައްޗަށެވެ. މި ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައިވާއިރު، ރޯވި އަލިފާންގަނޑު މާގިނައިރެއް ނުވެ ވަނީ ކޮންޓްރޯލް ކޮށްފައެވެ.

ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާ އާއި ގުޅިގެން އެމެރިކާ އަސްކަރިއްޔާގެ ތަކެތި ރައްކާކޮށްފައިވާ އެ ގުދަނާއި އެތަނުގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ވެއްޓުނު ޖެޓު އަނދައި އަޅިޔަށް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ތަހުޤީޤު ކުރުމުގެ މަސައްކަތް އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ކުރަމުންދާއިރު، ދަތުރުކޮށްފައި ދަނިކޮށް އެ ޖެޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.