މި ސަރަޙައްދުގެ ޤައުމުތަކަށް ބަލާއިރު، ހައްދު ފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) އާއި ގުޅިގެން ހަނގުރާމައަށްދާ ދިވެހިން ގިނަ ކަމަށް ލަންކާގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ލަންކާގެ ޓީވީ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މިކަން ހާމަކޮށް އެޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ، ކޮމާންޑަރ މަހޭޝް ސެނަނަޔަކޭ ވިދާޅުވީ، މި ސަރަހައްދުން ދެވަނަ އަށް އެންމެ ގިނައިން އައިސިސް އާއި ގުޅެން ސީރިޔާއަށް ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުން ހަނގުރާމަ ކުރަން ދަނީ ރާއްޖެއިން ކަމަށެވެ. އަދި އެމީހުން ސީރިޔާގައި ނިރުބަވެރި އަމަލުތަކުގައި ބައިވެރިވަމުންދާ ކަމަށް މަހޭޝް ވިދާޅުވިއެވެ.

މަހޭޝް ވިދާޅުވީ، އައިސިސް އާއި ގުޅިގެން ސީރިޔާއަށް ދާ ދިވެހިން އެންމެ ގިނައިން ދަތުރު ކުރަނީ ލަންކާ މަގުން ކަމަށެވެ. އެގޮތުންދާ މީހުން ލަންކާ މަގުން ސީރިޔާއަށް ދާއިރު، ބައެއް މީހުން ސީރިޔާއަށް ދަނީ ލަންކާގައި މަޑުކޮށްގެން ތިބުމަށްފަހު ކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިސިސްގެ ނުރައްކާ މި ސަރަޙައްދުގެ ޤައުމުތަކަށް ބޮޑުވެފައިވާ މިންވަރު ހާމަކޮށް މަހޭޝް އިތުރަށް ވިދާޅުވީ، ރާއްޖެއިން އައިސިސް އާއި ގުޅިގެން ގިނަ ބަޔަކު ނިރުބަވެރި އަމަލުތަކުގައި ބައިވެރިވާން ދިއުމަކީ ދިވެހި ކަމާއި ބެހޭ އިދާރާތަކުގެ އިހުމާލު އޮތްކަމެއް ނޫން ކަމަށެވެ. އަދި އެފަދަ މީހުން ހަނގުރާމައަށް ކަމަށް ބުނެ ސީރިޔާއަށް ދަނީ އެމީހުންގެ އަމިއްލަ ހައްދުފަހަނައަޅާފައިވާ ވިސްނުންތަކާއި އެފަދަ ވިސްނުންތައް ގެންގުޅޭ ޖަމާޢަތްތަކުގެ އިރުޝާދުގެ މަތިން ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މަހޭޝް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ، އައިސިސް އިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާގެ އެކި ސަރަޙައްދުތަކުގައި ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އޭނާ ވިދާޅުވީ އައިސިސް އާއި ގުޅުން ހުރި ޖަމާޢަތްތަކުން އެފަދަ އަމަލުތައް ހިންގުމަށް ރާވަމުންދާ ކަމަށާއި ނަމަވެސް އެއީ ވަކި ޤައުމަކަށް ނިސްބަތް ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

އައިސިސް އާއި ގުޅިގެން ސީރިޔާއަށް ދާ މީހުންގެ އަދަދު ނިސްބަތުން ގިނަ ކަމަށް މަހޭޝް ވިދާޅުވެފައި ވާއިރު، ރާއްޖެއަކީ އެ ޖަމާޢަތުގެ "ޓާގެޓެއް" ކަމަށް އިންޓެލިޖެންސް އިދާރާއަކުން ދާދިފަހުން ބުނެފައި ވެއެވެ. އެގޮތުން ސީރިއާގައި އައިސިސް ޖަމާޢަތް ބަލިވުމާއި ގުޅިގެން އެޖަމާއަތުގެ އަމާޒަކަށް ފަތުރުވެރިންގެ މެދުގައި މަޤުބޫލު ރިސޯޓްތަށް ހަދާފާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ޖިހާދުގެ ނަމުގައި ސީރިޔާގައި ނިރުބަވެރިން ހިންގަމުންދާ ޖަރީމާތަކުގައި ބައިވެރިވުމަށް ފުރަން އުޅުނު ގިނަ އަދަދެއްގެ ދިވެހިން މީގެ ކުރިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުން ހައްޔަރުކޮށްފައި ވެއެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިރު، ސީރިޔާގެ އެކި ކޭމްޕުތަކުގައި އާއި ޖަލުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ހައްޔަރުވެ ހާލުގައި ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން ބައެއް މީހުން ހަނގުރާމައިގެ މައިދާނަށް ދިއުމަށްފަހު، އަނބުރާ ޤައުމަށް ގެނެސްދިނުމަށްވެސް މީގެ ކުރިން އެދިފައި ވެއެވެ.

ނިރުބަވެރި ހަނގުރާމަވެރި ޖަމާޢަތްތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޭއޮހޮރުވުން ހިންގުމުގައި ދިވެހި ހަނގުރާމަވެރިން ގިނަ އަދަދަކަށް ބައިވެރިވަމުންދާއިރު، ހަނގުރާމައިގެ މައިދާނުގައި ހާލުގައި ޖެހިފައި ތިބި ދިވެހި ކުދިންގެ މައުލޫމާތުވެސް ދާދިފަހުން ދައުރުވެފައި ވެއެވެ. މުސްލިމުންގެ ނަމުގައި ލޭއޮހޮރުވުން ހިންގާ އައިސިސް އާއި ގުޅުމަށް 350 އަށްވުރެ ގިނަ ދިވެހިން ސީރިޔާއަށް ދަތުރުކުރިއިރު، އޭގެތެރެއިން 150 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ މައުލޫމާތު ހާމަކުރި ފަރާތުން ބުނެފައި ވެއެވެ.

ސީރިޔާގައި ހަނގުރާމައަށް ދާ ގިނަ އަދަދެއްގެ މީހުން، ހަނގުރާމައިގެ މައިދާނަށް އެމީހުންގެ ދަރިން ޔަތީމު ހާލުގައި ދޫކޮށް ދާއިރު، އެފަދަ ގިނަ އަދަދެއްގެ ކުދިން ހާލުގައި ޖެހި އެ ބިރުވެރި މާހައުލުގައި އަނިޔާތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި އެ ގައުމަށް ޖިހާދުގެ ނަމުގައިދާ އަންހެނުން ޖާރިޔާއިންގެ ގޮތުގައި ގަނެވިއްކާ ހަދާކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

އޮޅުވާލައިގެން އިސްލާމިކް ސްޓޭޓްސް އާއި ގުޅުމަށް ޤައުމުތަކުން ސީރިޔާއަށް ގެންދާ މީހުން، އެ ޖަމާއަތުން ބާރު ފޯރުވާ ސަރަޙައްދުތަކަށް ވަދެވުމާއި އެކު ޕާސްޕޯޓާއި އެނޫންވެސް މުޙިންމު ލިޔެކިޔުންތައް އަތުލައި ނައްތާލާ ކަމަށް ވެއެވެ. އަދި އިންޒާރުދީ، ދެން އިތުރަށް އެބިމުން ފައިބައިގެން ދެވުނަ ނުދިނުމަށް ބިރުދައްކައި އަދަބު ދޭކަމަށް ވެއެވެ. މި ސަބަބަށްޓަކައި ގިނަ މީހުން ތިބީ، ޖެހިލުމެއް ނެތި މީހުން މަރަމުންދާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރިންގެ އަތްދަށުން ސަލާމަތްވެ އެނބުރި ޤައުމަށް އަންނާނޭ މަގު ބަންދުވެފައެވެ.

ސީރިޔާގައި ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު ދާދި ފަހުން ވެސް ހަމަލާއެއްގެ ތެރެއިން މަރުވިއެވެ. ސީރިޔާގެ އަސްކަރީ ބާރުތަކާއި ހަނގުރާމަވެރިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި މި ހިނގާ މޭއި މަހުގެ ހަތް ވަނަ ދުވަހު މަރުވީ އަބޫ ހަމްޒާ އަލް މާލްދީފް ނަމަކަށް ކިޔާ، ޏ. ފުވައްމުލަކު ޒުވާނެކެވެ.

މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ އައިސިސް އިން މިދިޔަ މަހު ލަންކާގެ އަށް ތަނެއްގައި ބޮން ގޮއްވައިގެން ދިން ހަމަލާތަކުގައި ވެސް ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ކުށެއްނެތް އެތައް އާންމުންނެއް މަރާލާފައި ވެއެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށްވުރެ ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިބްރާހިމް

    ރައީސް ނަޝީދުގެ އެޖެނއޑާ ކާމިޔާބުވާން ފަށައިފި.

    24
    7
    • އަލީ

      ކޮބާ ކަލޭގެ ލަދުހަޔާތް

  2. އަލީ

    ހޮޅި ވާހަކަ ނުދައްކާ...އަބޫ ހަމްޒާ އަލް މާލްދީފް ކިޔާ ދިވެހިން ނޫޅޭނޭ. ޓެރަރިސްޓަކު ނެތެކޭ ނޫން. އެއީ ދިވެހިންނޭ ކިޔާ ލޭބަލް ކުރުމުގެ ބޭނުމެއް ނެތް.

    21
    11
  3. ހަސަން

    ކުރިން ގޯސްވީ މިވާހަކަ ދެއްކި މިހާ .

    13
    19
  4. ޕޮފުބާ

    ވަރަށްހެޔޮ ވާހަކައެއް

    10
    13
  5. މަސްވެރިޔާ

    މިފަދަ ހަމަލާއަށް ގޮސްތިބި ދިވެހި އާއިލާތަކުން އެފަދަ މީހުންގެ މައުލޫމާތު ކަމާއިބެހޭ އިދާރާއަށް އެންގުމީ މުހިންމުކަމެއް. ނުވަތަ މުޅި ރާއްޖޭގައި ސަރވޭއެއްކޮށް މިފަދަ މައުލޫމާތު އެއްކުރުން މުހިންމު، މިހާރު އެހަސަނެއް މިހަސަނެއް ނޭގޭ. ސިއްރުކުރުމީ ހައްލެއްނޫން. ރާއްޖެފަދަ ނާޒުކު އިގުތިސާދެއް އޮންނަ ކުޑަ ޤައުމަކަށް އެއްވެސްވަރެއްގެ ހަމަލާއެއް އަތުވެއްޖެނަމަ އެކަމުގެ ވޭނުގައި އަހަރުތަކެއްވަންދެން ދިވެހިން އުޅެންޖެހޭނެ. ރައްކާވެ ތިބެވެންއޮތީ އެންމެންގުޅިގެން.

    31
    5
  6. ކޮރަލް

    ޓޫރިޒަމްޢަށް ދިން ހަމަލާ އެކެވެ. ނޫނީ ދިވެހީންގެ ބޮޑުންގެ ތެރެއިން މީހަކު ބުނެގެން ދެއްކި ވާހަކައެކެވެ. ޓީވީ އަށް ނޭރިއަސް ދިވެހި ސަލާމަތީ ބާރުތަކާ ގުޅިގެން ކަންކަން ހައްލު ކުރެވޭނެއެވެ.

    11
  7. ބަރުގޮނު

    ޙަޤީޤަތަށްވުރެ ބޮޑުކޮށްގެން މިވާހަކަ ބައިނަލް އަޤްވާމީ މީޑިއާގައި ދައްކާ ހަދަނީ ރައީސް ނަޝީދު. އޭނާ އެވާހަކަ ދައްކަނީ ރައީސް ޔާމީނުގެ ދުވަސްވަރު ބޭރު ޤަވްމުތައް ޚާއްޞަކޮށް އޭނާއަށް ކުޅޭނެ ކުޅި ދައްކާދޭ ޔޫރަޕް މީހުން ލައްވާ ރާއްޖެއަށް ޕްރެޝަރުކޮށް ރާއްޖެއާ ފާ ކުރުވާން.

    13
    1
  8. ކަޅޭ

    2018ޔާހަމަޔައް ސީރިޔާއައް ދާމީހުންގެ ކަންކަން އަޅުވަމުންގެންދިޔައީ ސަރުކާރުގެބޮލުގަ މިހާރު މިބުނަނީ ދިވެހިންގެތެރޭން ބަޔަކުކުރާކަމެކޭ

  9. ހާމަ333

    ރާއްޖޭގެ އެކިތަންތާ މިފަދަ ބައެއްމީހުނ ޖަމާއަތް ހަދައިގެން އުޅޭކަމުގެ އަޑުއިވޭ...ނުވީތާކަށް ސޯޝަލް މީޑިއާގަ ފާޅުގަ އުޅޭ ގްރޫޕު ހަދައިގެން...ރާއްޖެގެ ސަލާމަތީ ބާރުގެ އިހުމާލު އޮތީމަ ނޫންތޯ ފާޅުގަ އުޅެވެނީ މުޖުތަމައު ތެރޭގަ..

    3
    7