އެމެރިކާގެ ސިފައިން ހަތިޔާރު އެމީހުންގެ އަތުގައި ހިފައިގެން އަންނަންދެން މިތިބީ ތައްޔާރަށް ކަމަށް ވެނެޒުއޭލާގެ އަސްކަރިޔާއިން ބުނެފިއެވެ.

ވެނެޒުއޭލާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ އިދިކޮޅުފަރާތް ތަކުން ފެށި މުޒާހަރާތަށް ހަމަނުޖެހުން ތަކަށް ބަދަލުވެ އެންމެ ފަހުން އެމެރިކާގެ އިތުރުން ހުޅަނގުގެ ގައުމުތަކުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އަށް ސުންގަޑި ދީފައިވަނިކޮށް އިއްޔެ އެގައުމުގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައި ވެނެޒުއޭލާގެ ސިފައިން ގޮވަވުން ދިޔައީ މިތިބީ މަދޫރޯ އާއި އެކުގައި ކަމަށާއި އެމެރިކާގެ ސިފައިނާއި ކުރިމަތިލުމަށް ޖެހިލުން ނުވާކަމަށެވެ.

އަސްކަރީ ހިންގާލުމުގައި ވެނެޒުއޭލާގެ ރައީސް މަދޫރޯވެސް ވަނީ ބައިވެރިވެ އެތަށް މޭލަކަށް ހިނގާފައެވެ. މަދޫރޯ ވަނީ ވެނެޒުއޭލާގެ ސިފައިން ބަގާވަތް ކުރަން އުޅޭ މީހުންނާއި ދެކޮޅަށް ދައްކަމުންދާ ހިއްވަރަށް ތައުރީފުކޮށްފައެވެ.

ތެލުގެ މުއްސަދިކަން ލިބިފައިވާ ވެނެޒުއޭލާގައި އެތަށް ހާސްބަޔަކު މަގުތަކަށް ނުކުމެ ރައީސް މަޑޫރޯގެ ވެރިކަން އިތުރަށް ދެން ބޭނުން ނުވާކަމަށް ބުނެ އަޑު އުފުލަމުން ދާއިރު މަޑޫރޯ ހުންނެވީ ގޮތް ދޫކުރައްވާ އިސްތިއުފާ ދެއްވާ ގޮތަކަށް ނޫނެވެ.

ވެނެޒުއޭލާގެ އައު ރައީސް އަކީ ގުއައިޑޯ ކަމަށް އޭނާ އަމިއްލައަށް އިއުލާނު ކުރިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޑޫރޯގެ ސަރުކާރުގައި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރަޝިޔާ އާއި ޗައިނާއިން ބުނެފައި ވަނީ އެ ގައުމުތަކުގެ ތާއީދު އޮތީ މަދޫރޯއަށް ކަމަށެވެ.

ރަޝިޔާގެ އިތުރުން ވެނެޒުއޭލާގެ ސިފައިން ވެސް ވަނީ ރައީސް މަޑޫރޯގެ ސަރުކާރު ދިފާއު ކުރާނެ ކަމަށް ބުނެފައެވެ. ރައީސް މަޑޫރޯވެސް ވަނީ ހުޅަގުގެ އިންޒާރުތަކަށް ފަހަތަށް ނުޖެހި އަސްކަރީޔާ އެއްބައިވަންތަވެ, އެކުވެރިވުމަށް ގޮވާލާފައެވެ.