ޕްރިންސެސް ޑަޔާނާ ކާރު އެކްސިޑެންޓެއްގައި މަރުވެގެން ދިޔަ ހާދިސާ އަކީ މުޅި ދުނިޔެ ވެސް ހިތާމަ ކުރި ހާދިސާ އެކެވެ. ހާއްސަކޮށް ޑަޔާނާގެ ދެބޭފުޅުން ކަމަށްވާ ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ އަށް ލިބުނު ހިތާމަ ވަކިން ބޮޑެވެ.

ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ ޑަޔާނާގެ މަރާއި ބެހޭ ގޮތުން ވަރަށް މަދު ހާލަތެއްގައި ނޫނީ ވާހަކައެއް ނުދައްކަވައެވެ. ނަމަވެސް ނަފްސާނީ ބަލިތަކާއި މެދު ހޭލުންތެރިކަން އިތުރުކުރަން ބީބީސީ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގައި ޕްރިންސް ވިލިއަމް ވަނީ އޭނާގެ މަންމަގެ މަރާއި ބެހޭ ގޮތުން ވާހަކަދައްކަވާފަައެވެ.

"އެއީ މިއަދު ވެސް އެވަރުގެ އެހެން ހިތާމައެއް އިހްސާސް ކުރަން ނުޖެހޭ ބޮޑު ހިތާމައެއް" ޕްރިންސް ވިލިއަމް ވިދާޅުވިއެވެ.

ވިލިއަމް ވިދާޅުވީ މަންމަގެ މަރަށް ފަހު އޭނާ އަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކުގެ އަސަރު މިހާރު ވެސް ކުރެއެވެ.

"ވަރަށް ބޮޑަށް ޑިޕްރެޝަން ހުރޭ. ކަންކަމާއި މެދު ގޯސްކޮށް ވިސްނޭ ވަރު ވަރަށް ގިނަ. ކޮންމެ ތަނެއްގައި ހުއްޓަސް މަންމަގެ މަރާއި މެދު ވިސްނޭ." ވިލިއަމް ވިދާޅުވިއެވެ.

ވިލިއަމް ވިދާޅުވީ އަހަރެމެންގެ އިހްސާސްތަކާއި ބެހޭ ގޮތުން ވާހަކަދައްކާ، އިހްސާސްތައް ބޭރު ކުރުމުގެ ފުރުސަތު އޮންނަން ވާނެއެވެ. އަދި ހުރިހާ އެންމެން ވެސް އިހްސާސްތައް ފޮރުވައިގެން ހުރުމުގެ ބަދަލުގައި އެއިހްސާސްތައް މީހަކާއި ހިއްސާކުރުމަށް އޭނާ އިރުޝާދު ދެއްވައެވެ.

1997 ވަނަ އަހަރުގެ ޑަޔާނާ އަވަހާރަވީ ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ. އޭރު ވިލިއަމްގެ އުމުރުން 15 އަހަރެވެ. އަދި ހެރީގެ އުމުރުން 12 އަހަރެވެ.