ބަރަކާތްތެރި ރަމަޝާން މަހުގެ ފުރަތަމަ ދިހަ ދުވަސް ތެރޭ ފަލަސްތީނުގެ ކުޑަކުދިން ހިމެނޭ ގޮތަށް 100 މީހަކު އިސްރާއީލުގެ ސިފައިން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްފިއެވެ.

ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ދި ފަލަސްތީނިއަން ޕްރިޒަނާސް ސެންޓަރ ފޯ ސްޓަޑީޒް އިން ހާންމަ ކުރިގޮތުގައި ރަމަޝާން މަސް ފެށުމާއި އެކު އިސްރާއީލުގެ ސިފައިން ހުޅަގު އައްސޭރި އަދި ގުދުސް ހިމެނޭ ގޮތަށް ފަލަސްތީނުގެ ގިނައަދަދެއްގެ ރައްޔިތުންގެ ގެ ތަކަށް ވަދެގަނެ ގިނަ އަދަދެއްގެ ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 ކުޑަކުދިން ވެސް ހިމެނެއެވެ. މީގެ ތެރޭގައި އުމުރުން ނުވަ އަހަރުގެ މޫސާ ރަމަޝާން ވެސް ހިމެނެއެވެ. އޭނާ ހައްޔަރު ކުރީ ހެބްރޯންގެ ޗެކްޕޮއިންޓެއް ކައިރިނެވެ.

އެ ޖަމާއަތުން ހާމަ ކުރިގޮތުގައި ގިނަ އަދަދެއްގެ އަންހެނުނާއި ނޫސްވެރިނަތަކެއް ވެސް އިސްރާއީލުން މި ރޯދަމަސް ފެށިފަހުން ވަނީ ހައްޔަރު ކޮށްފައެވެ.

އިސްރާއީލަކީ ކޮންމެ ރޯދަމަހަކާއި ދިމާކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ނުހަނު ގޯނާ ކޮށް ދުއްތުރާ ކުރާ ބައެކެވެ. އެގޮތުން 2014 ވަނަ އަހަރުގެ ރަމަޝާން މަސްތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ބިމުގައި ލޯ އޮހޮރުވެމެއް ހިންގާ އެތަށް ބަޔަކު ޝަހީދު ކޮށްލާފައެވެ. އަދި މިއަހަރުގެ ރަމަޝާން މަސް ފެށުމުގެ ކުރިން އިސްރާއީލުން ވަނީ ފަލަސްތީނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ 27 މީހުން ޝަހީދުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣ

    އަނިޔާވެރި، ނިބުރުވެރި އިޒްރޭއިލް