އިންޑިއާގެ ހައިދަރާބާދުގައި އެޤައުމުގެ ސަރުކާރުން ހިންގަމުންދިޔަ ސްކޫލެއްގައި، ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ ބަލަން ފަށައިފިއެވެ.

ސުލްތާން ބާޒަރު ޕޮލިސްޓޭޝަންގެ ފުލުހުން މި މައްސަލަ ބަލަން ފަށާފައި ވަނީ، އެޤައުމުގައި ކުޑަކުދިންގެ ހައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން، އެ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ.

މި ހާދިސާ ފެންމަތިވެފައި މިވަނީ، މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ވެސް، ސުލްތާން ބާޒަރު ޕޮލިސް ސްޓޭޝަނަށް އެ ސްކޫލުގެ ފަސް ދަރިވަރަކު، އެކުދިންނަށް ޓީޗަރުން އަނިޔާކުރާކަމުގެ ރިޕޯޓް ކޮށްފައިވަނިކޮށެވެ.

އޮފިޝަލުން ބުނެފައިވަނީ، ޓީޗަރަކު އަނިޔާ ކުރާތީ މިދިޔަ މަހު ދަރިވަރުން ހުށަހެޅި މައްސަލައާއި އެކު، އޭނާ އާއި މެދު ފިޔަވަޅު އެޅުމަށް އެ ދަރިވަރުން އެދިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މިމަހު ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލައަކީވެސް އެ ޓީޗަރު މީހާ އާއި ގުޅުންހުރި މައްސަލައެއް ކަން އެނގިފާއިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން އެ ސްކޫލު ނުވަތަ ސްކޫލުގެ ޓީޗަރަކާއި މެދު މިހާތަނަށް ފިޔަވަޅެއް އަޅާފައިވާކަމެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަތައް ގުޅިފައިވަނީ ކޮން ސްކޫލަކާއި ކަމެއްވެސް އެފަރާތުން އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އިންޑިއާގެ ސްކޫލްތަކުގައި ދަރިވަރުންނަށް ޓީޗަރުންގެ ފަރާތުން އަނިޔާ ލިބޭކަމުގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން ޓީޗަރެއްގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން ފަރުވާދެމުން ދަނިކޮށް، އެޤައުމުގެ ބާލިއާ ސިޓީން މިދިޔަ ހަފްތާގައިވެސް އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެންނަގޮތް

    ތިކަން ބަލަން އާދޭ ސިފައިން ގޮވައިގެން ރާއްޖެއަށް

  2. ޒާހިރު

    ކުށުންތަތްތެޅި ފޯވެވައިވާޤައުމަކުން އެންމީހުންގެ ކަންތަކާ މިބެހެނީ

  3. Anonymous

    މިމީހުންގެ އަމިއްލަ މައްސަލަތައް ބެލިއްޔާ މާތާހިރެއްނުން