އިންޑިއާގެ އަސްކަރިއްޔާ އާއި ނިރުބަވެރިންގެ ގްރޫޕަކާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައި ހަމަލާ ބަދަލުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި މިކަން ހާމަކޮށް ބުނެފައި ވަނީ، މިއަދު ކުރިމަތިލުން ހިނގީ އިންޑިއާގެ އުތުރުގައި އޮންނަ އެޤައުމުގެ ކަޝްމީރު ފަޅީގެ ޕުލްވާމާ ސިޓީގައި ކަމަށެވެ. އެ ސިޓީގެ ޕަންގަމް ނަމަކަށްކިޔާ އަވަށުގައި ހިނގި މި ކުރިމަތިލުން ގިނަ އިރުތަކައް ދެމިގެން ދިޔައިރު، ހަމަލާތަކުގައި ދެ މީހަކު މަރުވެފައި ވެއެވެ.

މި ހަމަލާތައް ބަދަލު ކުރެވެން ފެށީ، އެ ސަރަޙައްދުގައި ނިރުބަވެރިންތަކެއް ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު އިންޑިއާގެ އިދާރާތަކަށް ލިބުމާއި ގުޅިގެން އަސްކަރިއްޔާއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. ސިފައިން އެ ސަރަޙައްދަށް ދިއުމާއެކު ހަތިޔާރު އެޅި ނިރުބަވެރިން ވަނީ އެފަރާތްތަކާއި ކުރިމަތިލުން ހިންގާފައެވެ.

މި ހަމަލާތަކުގައި މަރާލާފައި ވަނީ މި ކުރިމަތިލުން ހިންގި ނިރުބަވެރި ގްރޫޕުގެ ދެމީހެއް ކަމަށް އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ. ނަމަވެސް އެ މީހުން ނިސްބަތްވަނީ ސީދާ ކޮން ޖަމާޢަތަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ. މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ. މިއަދުގެ ހަމަލާތައް ބަދަލު ކުރެވުނު ސަރަޙައްދުގައި އިންޑިއާ ސިފައިން މިހާރު ދަނީ ފޯރިމަރަމުންނެވެ.

ޕުލްވާމާގައި މިދިޔަ ބުރާސްފަތި ދުވަހުވެސް ނިރުބަވެރިންތަކަކާއި އިންޑިއާ ސިފައިންނާއި ދެމެދު ހަމަލާތައް ބަދަލު ކުރެވުނެވެ. އެ ހަމަލާތަކުގައި ސިފައިންގެ މީހަކާއި ނިރުބަވެރިންގެ ތިން މީހަކު މަރާލާފައި ވެއެވެ.

މި ސަރަޙައްދުގައި ނިރުބަވެރިންގެ ހަރަކާތްތައް އިތުރުވާން ފަށާފައި ވާއިރު، ދާދިފަހުން ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ޖަމާޢަތުން ވަނީ އެ ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި އޮންނަ ސްޓޭޓެއް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން އިންޑިއާގެ ރަސްމީ ފަރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.