އިސްރާއިލް ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ފަލަސްތީނު މީހަކު ޝަހީދުކޮށްލި މައްސަލަ، އޭނާ ޝަހީދުކޮށްލި ސިފައިންނާއި އެއްކޮޅަށް ނިންމައިފިއެވެ.

އިސްރާއިލްގެ ކޯޓަކުން މިގޮތަށް ނިންމާފައިވަނީ، އެ މީހާއަށް އަމާޒުކޮށް އިސްރާއިލް ސިފައިން ހަމަލާއެއް ދިން މަންޒަރު ވޯޑިއޯތަކުން ފެންނާން ނެތްކަމަށް ބުނެ އެކަމުގެ މައްޗަށް ބިނާކޮށެވެ.

އިބްރާހީމް އަބޫ ތުރައްޔާ ނަމަކަށް ކިޔާ ފަލަސްތީނަށް ނިސްބަތްވާ ޚައްސަ އެހީއަށް ބޭނުންވާ މީހާ ޝަހީދުކޮށްލާފައި ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ޣައްޒާގެ އިރުމަތީ ސަރަޙައްދުގައި މުސްލިމުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިންނެވެ.

އޭނާ ޝަހީދުވެފައި ވަނީ އިސްރާއިލް ސިފައިން، އެއްވެފައި ތިބި މީހުންގެ ތެރެއަށް ލައިވް ވަޒަން ބޭނުންކޮށްގެން ހަމަލާ ދިނުމުން ލިބުނު އަނިޔާތަކުގައި ކަމަށް ވާއިރު، އިސްރާއިލްގެ ކޯޓުން މި މައްސަލަ ބެލުމަށްފަހު ބުނެފައިވަނީ ސިފައިން އޭނާ ޝަހީދުކޮށްލި ކަމުގެ އެއްވެސް ހެއްކެތް ނެތް ކަމަށެވެ. ނަމަވެސް އަބޫ ތުރައްޔާ ޝަހީދުވިއިރު އޭނާގެ ހަށިގަނޑަށް ފަސް ވަޒަން އަރާފައި ހުއްޓެވެ.

މިކަމާއި ގުޅިގެން އިސްރާއިލްގެ އިދާރާތަކުން ކުރިޔަށްގެންދިޔަ ތަހުޤީޤެއްގައި ބުނީ، އަބޫ ތުރައްޔާ ޝަހީދުވީ އިސްރާއިލް ބޯޑަރު ސަރަޙައްދުގައު "ހަމަނުޖެހުން ހިންގުމަށް" އެއްވެ ތިބި މީހުން ފަހަޔައް ޖައްސައި މުޒާހަރާ ރޫޅާލުމަށް ސިފައިން އަޅަން ޖެހުނު ފިޔަވަޅުތަކެއްގެ ތެރެއިން ކަމަށެވެ.

އަބޫ ތުރައްޔާ ޝަހީދުކޮށްލާފައި ވަނީ އިސްރާއިލް އިން ފަލަސްތީނުގެ ޤުދުސް އަށް އަތްގަދަކޮށް އެ ސިޓީއަކީ އިސްރާއިލްގެ ވެރިކަންކުރާ ސިޓީކަމަށް ކަނޑައެޅުމާއި ގުޅިގެން ފަލަސްތީނު ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށް ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ.

އޭނާ އުމުރަށް ނުކުޅެދި ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި ދިރިއުޅެން ޖެހުނީ، 2008 ވަނަ އަހަރު އިސްރާއިލް އިން ޣައްޒާގައި ދިން ވައިގެ ހަމަލާއެއްގައި އަނިޔާ ލިބި ދެފައި ބުރިކޮށްލަން ޖެހުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    މިދުނިޔެއިން އިންސާފް ނުލިބުނަސް، ﷲ ސވ ގެ ހަޟްރަތުން އިންސާފް ލިބޭނެއެވެ. މަރްހޫމާއަށް ސަހީދުންގެ ދަރަޖަ ﷲ މިންވަރު ކުރައްވާށިއެވެ.

    13