ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތެއްގައި ބަޑި ޖެހި ހާދިސާ އާއި ގުޅިގެން މުސްލިމުންނާއި ދެކޮޅަށް ވާހަކަދެއްކި އޮސްޓްރޭލިއާގެ ސެނެޓް މެންބަރު ފްރޭޒާ އަނިން އަށް އިއްޔެ އޮތް އޮސްޓްރޭލިއާގެ އާއްމު އިންތިޚާބުގައި ގޮނޑި ދިފާޢު ނުކުރެވި އިންތިޚާބު ނާކާމިޔާބު ވެއްޖެއެވެ.

ކްރިސްޗާޗްގައި ދިން ހަމަލާ އާއި ގުޅިގެން ފްރޭޒާ މީޑިއާގައި ވިދާޅުވީ ނިއު ޒީލެންޑުގައި 50 މީހުން މަރުވި ހާދިސާ ހިނގަން މެދުވެރިވީ އެ ގައުމަށް މުސްލިމުން ޒިޔާރަތް ކުރާތީ ކަމަށެވެ.

އިއްޔެ އޮތް އިންތިޚާބު ފްރޭޒާ އަށް ނާކާމިޔާބު އިރު އެންމެ ފަހުން އޮތް އިންތިޚާބުގައި ވެސް އޭނާ ދިޔައީ ދެވަނަ އަށެވެ. ނަމަވެސް އެފަހަރު އޭނާ އަށް މެންބަރު ކަން ލިބުނީ އެދާއިރާގެ އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓްގެ ޝަރުތު ހަމަނުވާކަމަށް ކޯޓުން ނިންމުންމުންނެވެ. ކޯޓުން އެގޮތައް ނިންމީ އިންތިޚާބު ނިމުނު ފަހުން ކަމަށް ވީނަމަވެސް މެންބަރުން ހުވައި ކުރުމުގެ ކުރިންނެވެ. އެހެންކަމުން އެފަހަރު ބައިއިލެކްޝަނެއް ނުބާއްވާ ފްރޭޒާ އަށް މެންބަރު ކަން ލިބުނެވެ.

ފްރޭޒާ މުސްލިމުންނާއި ދެކޮޅަށް ދެއްވި ވާހަކަތަކާއި ގުޅިގެން އޭނާ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވެސް ވަނީ ފްރޭޒާ ދެއްކި ފަދަ މުޑުދާރު ވާހަކަތަކަށް އޮސްޓްރޭލިއާގައި ޖާގަ ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ފްރޭޒާގެ ވާހަކަތަކާއި ގުޅިގެން އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ކުޑަ ކުއްޖަކު ވަނީ ފްރޭޒާގެ ބޮލަށް ބިސް ވެސް ޖަހާފައެވެ.

ވިލިއަމް ކޮނޯލީ، ކްއީންސްލެންޑުގެ ސެނެޓަ ފްރޭޒާގެ ބޮލަށް ބިސް ޖެހީ މެލްބަންގައި ނޫސް ކޮންފަރެންސެއް އޭނާ ދެއްވަން ހުންނަވަނިކޮށެވެ.

ފްރޭޒާ އަށް އިންތިޚާބު ނާކާމިޔާބުވި ފަހުން އަދި އޭނާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.